ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތް ދަބަސް ފަދަ ތަކެތި ފޭރެން ފެށުމުން ޑިޕޮލޮމެޓުން ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.
މިއަދުނޫހަށް މައުލޫމާތުދެއްވި ޑިޕޮލޮމެޓަކު މިއަދު ވިދާޅުވީ ފަތުރުވެރިއެއްގެ އަތް ދަބަސް، ޢާންމު ތަނެއްގައި ފޭރެން އުޅުނު ޚަބަރު އަޑު އެއްސެވީ ވަރަށް ބޮޑުވެވަޑައިގަތުމާއިއެކުގައި ކަަމަށެވެ. އަދި މިފަދަ ހާދިސާތައް ހިނގާނަމަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ބިރުގަންނާނެ ކަމަށެވެ.
"ރާއްޖެއިން މިހާރު އެންމެ ބާރަށް ދައްކަނީ ގެސްޓް ހައުސްތަކުގެ ވިޔަފާރި އިތުރުކުރާ ވާހަކަ. ފަތުރުވެރިންނަށް ހުޅުމާލޭގެ އާންމު ތަންތަނުގަ ހަމަލާދޭނަމަ ކޮބައިތަ ސަލާމަތެއް؟ އެއީ ފުލުހުންވެސް ގިނަ ރަށެއްނު؟ ހަމަ މާލެ އެއްނު އެއީ؟ މިއީ ވަރަށް ހިތާމަހުރި ކަމެއް."
އޭނާ ވިދާޅުވީ ސިންގަޕޫރަށް ބަލައިފިނަމަ މަގުފޭރޭ މީހަކު ނޫޅޭނެ ކަމަށެވެ. އަދި އެކަން އެގޮތުގައި އޮންނަނީ ކުށްކުރާ މީހުންނާއިމެދު ހަރުދަނާ ފިޔަވަޅުތައް އަޅަމުން ގެންދާތީ ކަމަށެވެ. "ސިންގަޕޫރުގަ ފަތުރުވެރިއަކަށް ގޯނާކޮށްފިނަމަ، ފޭރުން ފަދަ ކަމެއް ކޮށްފިނަމަ ޖަލުގެ އަދަބުގެ އިތުރުން 500،000 ސިންގަޕޫރު ޑޮލަރުން ޖުރުމަނާކޮށް އެފައިސާ ސަރުކާރަށް އަތުލާނެ ކޮންމެ ގޮތަކުން ނަމަވެސް. ނުދައްކައިފިނަމަ ޖަލުގައި ވަޒީފާ އަދާކޮށްގެންވެސް ދައްކަންޖެހޭނެ. އެހެންވީމާ ސިންގަޕޫރަކު ނޫޅޭނެ މަގުފޭރޭ މީހުންނެއް." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއިއެކު ކުށްކުރާ މީހުންނަށް ހައްޤު އަދަބު ދިނުން ކަމަށެވެ. "އަމާންކަމެއް ނެތް ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. ތަރައްޤީއަށް އެންމެ މުހިންމީ ޞުލްޙަ މަސްލަހަތު އޮތުމާއިއެކު އަމާންކަން ކަށަވަރުކުރުން. މިކަންކަން ފުރިހަމަ ނުކޮށް ތަރައްޤީއެއް ނުކުރެވޭނެ ހަމަ އެއްވެސް ޤައުމެއް."
ރާއްޖޭގެ އިޤްޠިޞާދުގެ 80 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީކަމަށްވާއިރު ރާއްޖެއަކީ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރަން އިތުރަށް ފިޔަވަޅުތައް އަޅަންޖެހިފައިވާ ޤައުމެއްކަން ފާހަގަކުރެވެއެވެ.