ހޮންގކޮންގ ޗައިނާއަށް އަނބުރާ ލިބުނުތާ 20 އަހަރު ފުރުން ރާއްޖޭގައި ފާހަގަކޮށްފިއެވެ. "20 އިޔަރސް ރިޓަރން އޮފް ހޮންގކޮންގ ޓު މަދަރލޭންޑް އެންޑް ފޮޓޯ އެގްޒިބިޝަން" ގެ ނަމުގައި ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފިރު ވާންގ ފޫކާންގ އާއި ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކެޓްރީ އަހްމަދު ޚަލީލް އެވެ.
މިރަސްމިއްޔާތުގައި ސަފީރު ވާންގފޫކާންގ ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެދަށުގައި 150 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވުމަށްފަހު ޗައިނާ އަށް އަނބުރައި ހޮންގކޮންގ ލިބުމުން ޗައިނާ އިން ހޮންގކޮންގ ކުރިއަށް ގެންދަނީ އެ ޤައުމުގެ ރައްޔިތުން އިޚްތިޔާރުކުރާ ގޮތްތަކަށް ކަމަށެވެ. ހޮންގކޮންގގެ ރައްޔިތުންނަށް ވަނީ ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މިނިވަންކަން ދީފައި ކަމަށެވެ.
ހޮންގކޮންގއަކީ މިނިވަން ވިޔާފާރިއަށް ހުޅުވާލާފައިވާ ޤައުމެއް ކަމަށާއި ޤައުމުގެ އިޤްޠިޞާދު މިހާރުވެސް އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުންކަންވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ. "ހޮންގކޮންގގެ މުސްތަޤްބަލަށްޓަކައި ޗައިނާއިން ކަނޑައަޅާފައިވާ -ވަންކަންޓްރީ ޓޫ ސިސްޓަމްސް- އުޞޫލަކީ މުޅި ދުނިޔެވެސް ބަލައިގެންފައިވާ އުޞޫލެއް. އެ އުސޫލުގައި ހޮންގކޮންގ އެދަނީ ބާރަށް ކުރިއަރަމުން."
ސަފީރު ވިދާޅުވީ 1997 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ބަލައިފިނަމަ ޤައުމުގެ ޖީޑީޕީ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށެވެ. "1.37 ޓްރިލިއަން ހޮންގކޮންގ ޑޮލަރުން 2.49 ޓްރިލިއަން ހޮންގކޮންގ ޑޮލަރަށް އިތުރުވެފައި. މިއީ އަހަރަކު 3.2 އިންސައްތައިގެ ކުރިއެރުމެއް. މިކަމުން އެނގެނީ ހޮންގކޮންގަށް ދާނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބެމުންކަން. ހޮންގކޮންގައި ބޮލަކަށް ޖެހޭ އާމްދަނީ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އާމްދަނީއެއް."
ސަފީރު ވިދާޅުވީ ހޮންގކޮންގގެ މުސްތަޤްބަލަށްޓަކައި ޗައިނާއިން ކަނޑައަޅައި ތަންފީޒުކުރަމުން ގެންދާ ޕޮލިސީތަކަކީ ކާމިޔާބު ސިޔާސަތުތަކެއްކަން ހޮންގކޮންގަށް ލިބެމުންދާ ކުރިއެރުންތަކުން ވަރަށް ރަނގަޅަށް އެގޭ ކަމަށެވެ. "ޗައިނާއިން ބަލަނީ ހަމައެކަނި ހޮންގކޮންގގެ މާލީ ކުރިއެރުމަކަށް ނޫން. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްވެސް ޗައިނާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ. ހޮންގކޮންގ ބައިބައިކުރުމަކީ ވަރަށް ގެއްލުން ބޮޑު ކަމެއް. އެކަމުން ހޮންގކޮންގގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ޗައިނާ އަބަދުވެސް ސަލާމަތްކުރާނެ."
ފޮޓޯ މައުރަޒުގައި ހިމަނާފައިވާ ފޮޓޯތަކުން ހޮންގކޮންގ އަށް ލިބިފައިވާ ކުރިއެރުމާއި މިހާރުވެސް ކުރިއަށް ގެންދެވޭ މަޝްރޫއުތައް ވަނީ ދައްކާލައިފައެވެ.
މިހަފްލާގައި ރާއްޖޭގައި ތިއްބެވި ބައެއް ޑިޕޮލޮމެޓުންނާއި ރާއްޖޭގައި ތިބި ޗައިނާގެ ގިނަ އަދަދެއްގެ ރައްޔިތުން އަދި ޗައިނާގެ ޑިޕޮލޮމެޓުންނާއި ރާއްޖޭގައި އެކިއެކި މަޝްރުއުތައް ކުރިއަށް ގެންދާ ޗައިނާގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވިއެވެ.