ރޭޕްކޮށްގެން ބަލިވެއިން ކުޑަ ކުއްޖަކު، އެބޯޝަން ހަދަން ހުއްދައެެއް ނުލިބުން
އިންޑިއާގެ ޗަންދިގަރް ގައި ރޭޕްކުރި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބަލިވެ އިންކަން އެނގުމުން، އެކުއްޖާގެ ބަނޑުގައި ގޮތް ދަރިފުޅު އެބޯޓް ކުރަން ޗަންދިގަރް ކޯޓުން ހުއްދައެއް ނުދިނެވެ.
ކޯޓުން ބުނެފައިވަނީ، ޤަވައިދު މިހާރު އިންގޮތުން އެބޯޝަން ހެދޭނީ ބަނޑަށް 20 ހަފްތާއަށްވުރެ މަދު ދުވަސް ފުރިފައިވާނަމަ ކަމަށާއި އެއަންހެން ކުއްޖާގެ ބަނޑަށް މިހާރު 26 ހަފްތާ ފުރިފައިވާ ކަމަށެވެ.
އުމުރުން އެންމެ 10 އަހަރުގެ މިކުޑަ އަންހެން ކުއްޖާ ތަކުރާރުކޮށް ރޭޕްކުރީ، އޭނާގެ މަންމަ ފަރާތު ބޮޑުބޭބެ އެވެ.
ކޯޓުގެ މިނިންމުމާއި ގުޅިގެން ބައެއް ސިއްޙީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނިގޮތުގައި އެއަންހެން ކުއްޖާގެ އުމުރަށް ބަލާފައި މާބަނޑުވުމާއި ވިހެއުން ތަޙައްމަލު ކުރަން ޖެހުމަކީ އެއަންހެން ކުއްޖާގެ ފުރާނައަށް ވަރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
އަންހެން ކުދިންގެ ޕެލްވިކް ކަށިތަށް އެއުމުރުގައި ރަނގަޅަށް ނުއުފެދޭނެ ކަމަށާއި އެހެންކަމުން މާބަނޑު ދުވަސްތަށް ހޭދަކޮށް، ވިހުއުމަކީ އެއަންހެން ކުއްޖާއަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި މީގެ އިތުރުން އެއުމުރުގައި ސިޒޭރިއަން ހެދުމަކީ ވެސް ނުރައްކާތެރި ކަމެއްކަމަށެވެ.
"އުމުރުން 10 އަހަރުގެ ކުއްޖެއް ބަލިވެ އިންދާ އަދި ދުވަހަކުވެސް އަހަންނަށް ފެނިފައެއް ނެތް" ޗަންދިގަރްގެ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އިޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސަރޗް (ޕީޖީއައިއެމްއީއާރް) ގެ ގައިނިކޮލޮޖިސްޓް ޑރ. ރަޝްމީ ބައްގާ ބުންޏެވެ.
ޅައުމުރުގައި ޙައިޟުވުމަކީ ފަހަކަށް އައިސް އާއްމުކަމެކެވެ. ބައެއް އަންހެން ކުދިން އުމުރުން 13 އަހަރުގައި ޙައިޟުވާއިރު، އަނެއްބައި ކުދިން އުމުރުން އަށް އަހަރުގައި ވެސް ޙައިޟުވެއެވެ. ނަމަވެސް އެއުމުރުގައި އަންހެން ކުއްޖަކު ބަލިވެ އިނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
"އެކުއްޖާގެ އަލްޓްރާސައުންޑް އިން ދައްކާ ގޮތުގައި އޭނާގެ ބަނޑަށް މިހާރު ހަމަސް ފުރިއްޖެ. ސިއްޙީ ގޮތުން މިކަމުން އަހަރުމެންގެ ލަފާއާއި އިރުޝާދު، އަހަރުމެން ކޯޓަށް ހުށަހަޅައިފިން. އެއިރުޝާދުގައި އަހަރުމެން ވާނީ ބުނެފައި، އެފަދަ ޅައުމުރެއްގައި ބަލިވެ އިނުމަކީ އެކުޑަކުއްޖާގެ ސިއްޙަތަށް ވަރަށް ނުރައްކާތެރި ކަމަކަށް ވާނެ ކަމަށް" އެކުޑަ އަންހެން ކުއްޖާބެލި ސަރުކާރު ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ.