އައްޑޫސިޓީ ފޭދުއައި ފުވައްމުލަކު ސިޓީއާ ދެމެދު ކާގޯޚިދުމަތް އަންނަ އަންގާރަދުވަހު ފަށާނެ ކަމަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ވިދާޅުވެއްޖެއެވެ.
އެސްޓީއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީއު ވިދާޅުވީ ފަށައިގަންނައިރު ފެރީ އޮންނާނީ ކޮންމެ ހަފްތާއަކު އަންގާރަދުވަހު އެކަނި ކަމަށެވެ. އެހެންނަމަވެސް ޑިމާންޑު އިތުރުވާ ވަރަކަށް ފެރީގެ ދަތުރުތައްވެސް އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ.
ކާގޯ ފެރީގެ ޚީދުމަތް ފެށުމަށް މިހާރުވަނީ 100 މީހުންގެ ޖާގައިގެ ދޯންޏެއް ގެނެސްފައެވެ. އެދޯނި މިހާރުވަނީ ޓެސްޓްވެސް ކޮށްނިމިފައެވެ. އަންގާރަދުވަހު ފުވައްމުލަކު ސިޓީންއިން ފެރީ ފުރާނީ ހެނދުނު 8:00 ގައި. ފޭދޫން ފުރާނީ އަންގާރަދުވަހު މެންދުރުފަހު 2:00 ގައެވެ.
ޝަފީއު ވިދާޅުވީ މިފަދަ ފެރީއެއް މިބާއްވަނީ މުދާއުފުލާނެ ފެރީއެއްނެތް ކަމުގެ ޝަކުވާ އިތުރުވެފައިވާތީ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ. ގަންއިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ފުވައްމުލަކު މީހުން ރާއްޖެއިން ބޭރަށްވެސް މިހާރު ދަތުރުކުރެއެވެ. އެދަތުރުތަކުގައި ގެންނަ މުދާ މިފެރީގެ ސަބަބުން ފުވައްމުލަކަށް ފޮނުވޭނެއެވެ. އަދި ތަކުރާކާރީއާއި މޭވާ ފަދަ ސާމާނުވެސް ގެންދެވޭނެއެވެ. ފުވައްމުލަކުން އުފައްދާ ދަނޑުވެރިކަމުގެ ބާއްވަތްތައް އައްޑުއަށް ފޮނުވުމަކީ އެރަށު މީހުން ބޭނުންވެފައިތިބި ކަމެކެވެ. މިފެރީގެ ސަބަބުން އެކަންވެސް ހަމަޖެހިގެންދާނެއެވެ.