އައްޑޫސިޓީ ހިތަދޫ ގައުކެނޑި ސަރަހައްދުގައި ކުރިން ފުލުހުން ބޭނުންކުރި ޗެކްޕޯސްޓް އަލުން މަރާމާތު ކުރުމަށްފަހު އަދި ކަރަންޓު ނުލެވެނީ އެތަނުގެ ބިއްލޫ ތަޅައިލައިފިއެވެ.
އެހާދިސާ ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރޭގައެވެ. މިކަމާ ބެހޭ ގޮތުން އައްޑޫސިޓީ ފުލުހުންގެ ޖަވާބެއް ލިބޭގޮތެއް ނުވިއެވެ. އެތަން މަރާމާތު ކުރުމަށްފަހުވެސް ބޭނުންކުރާނީ ފުލުހުންނެވެ. ފުލުހުން އެތަން ބޭނުންކުރާނީ ޓްރެފިކް މަރުކަޒެއްގެ ގޮތުގައެވެ.
ޗެކްޕޯސްޓް މަރާމާތުކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. ފަޒާ ބިޒްނަސް އިންވެސްޓްމެންޓާ ހަވާލުކޮށްގެން އެތަން ހަދާފައިވަނީ އެއްލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ނުވަދިހަ ހަތް ރުފިޔާއަށެވެ.
އެތަނަށް ކަރަންޓު ލުމުގެ މަސައްކަތް އަވަސް ކުރުމަށް ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލާ މިހާރު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.