ޗައިނާ ސަރުކާރުގެ އެހީގެދަށުން ލޮލުގެ ފަރުވާއަށް ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީ އާއި ނެޝަނަލް ހެލްތު އެންޑް ފެމެލީ ޕްލޭނިންގ ކޮމިޝަން ގުޅިގެން ޗައިނާ ސަރުކާރުގެ އެހީގައި ބާއްވާ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުގައި ކަމަށެވެ.
މި ކޭމްޕަށް ތައްޔާރުވުމުގެ ގޮތުން ލޮލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މިމަހުގެ 31 ގައި ރާއްޖެ އަންނާނެ ކަމަށާއި މިދަތުރުގައި މިޓީމުން ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ މި ޓީމުން އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުގައި އަދި އޯގަސްޓް 2، 3 ގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޑޮކްޓަރުންގެ ޓީމަށް ހުޅުމާލޭ ހޮސްޕިޓަލުން ދައްކަންބޭނުންވާ ފަރާތްތަކުން 1417 އަދި ކ. ގަމު ރީޖަނަލް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން 6800026 އަށް ގުޅުއްވުމުން ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ ލޮލުގެ ޚާއްޞަ ކޭމްޕުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރުންގެ ޓީމުން ބެލުމަށްފަހު، ކެޓަރެކްޓް ސަރޖަރީ ހަދަންޖެހޭ މީހުން ކަމަށެވެ.
2015 ވަނަ އަހަރުވެސް ވަނީ ޗައިނާ ސަރުކާރުގެ އެހީގެދަށުން ލޮލުގެ ކޭމްޕެއް ބާއްވާފައެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި މި ކޭމްޕުގައި 200އަށްވުރެ ގިނަ ބަލިމީހުން ބަލާ، 107 ކެޓަރެކްޓް ސަރޖަރީ ވަނީ ހަދާފައެވެ.