ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ފުކާން، ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް ވަދާޢީ ޒިޔާރަތް މިއަދު ކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކާއިބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެކަމަށްޓަކައި ޑރ. އާސިމް ވަނީ ޗައިނާ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.
މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި ވަންގ ފުކާން ހުންނަވައިގެން ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށާއި ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކޮށް އެމަނިކުފާނަށްވެސް ފޮރިން މިނިސްޓަރ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަންގފުކާން ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އެމަނުކިފާނާމެދު ބެހެއްޓެވި އޯގާތެރިކަމާއި ގާތްކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި އެކިކަންކަމުގައި ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްބައެއް މުއައްޒަފުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ އިތުރުކުރެވޭނެ ގޮތްތަކާއިގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.