މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަކީ ޤައުމަށް ފައިދާހުރި ކަންކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދާ މުއައްސަސާ ކަމަށާއި އެހެން ކަމާއިއެކުވެސް ނުރަނގަޅު، ގެއްލުންދެނިވި ކަންތައްތައް ވެއްދުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިފަދަ ކަންކަން ފެންނާނެ ކަމަށާއި ކަސްޓަމްސް އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އެފަދަ ކަންކަމުން ސަލާމަތްކޮށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި ކަސްޓަމްސް އިން ދަނީ ކާމިޔާބު ކަމާއިއެކު ކުރިއެރުން ހޯދަމުން ކަމަށެވެ.
މިސަރުކާރުގެ އިޤްޠިޞާދީ ސިޔާސަތުގެ ސަބަބުން ވިޔަފާރިތައް ފުޅައުވެ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނައިރު އެކަންކަމަށް ބޭނުންވާ ކަސްޓަމްސްގެ ޚިދުމަތް ވީހައި ފުރިހަމައަކަށް ފޯރުކޮށްދިނުމުގައި ކަސްޓަމްސް އިން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއްކުރަމުން ކަމާއި ކާމިޔާބީތައްވެސް އަންނަނީ އިތުރުވަމުންކަންވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށުނީ 1890 ވަނަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހު "ބަންޑާރަ ފިހާރަ" ގެ ނަމުގައެވެ. މިއަދާއި ހަމައަށް އައިއިރު ކަސްޓަމްސްގެ ގޮފިތައް ވަނީ ބައެއް އަތޮޅުތަކުގައި ހުޅުވައި ޚިދުމަތްދޭން ފަށައިފައެވެ. މިއަދު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަކީ ދުނިޔޭގެ ކަސްޓަމް ޖަމިއްޔާގެ ފުރިހަމަ މެންބަރެކެވެ. ކަސްޓަމްސް އިން މުވައްޒިފުންގެ ޤާބިލުކަން ހޯދަން ކުރި މަސައްކަތްތަކުގެ ސަބަބުން ދިވެހި ކަސްޓަމްސްގެ މުވައްޒިފުން މިހާރު ގެންދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބައްވާ މަހާސިންތާތަކުގައި މައުލޫމާތުދެމުންނެވެ.
ކަސްޓަމްސްގެ ޚިދުމަތްތަކަށް ކުރިއެރުން ހޯދައި ޚިދުމަތް ދިނުމުގައި މިހާރު ވަނީ ދުނިޔޭގެ ފެންވަރަށް ޚިދުމަތްތައް ތަރައްޤީކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ލިޔެކިޔުންތައް ހުށަހެޅުމާއި ބެލެހެއްޓުންތައް މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދު އެވެ. މިރަސްމިއްޔާތުގައި ކަސްޓަމްސް މިނިސްޓަރުގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ކަސްޓަމްސްއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަންކޮށްފައެވެ.