ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ކިޔުމަށް ހޭދަވާނީ 2މ 33ސ
ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު،ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް މަރްޙަބާ ދަންނަވާ ޗައިނާ ސަފީރުގެ ސަފީރުކަމުގެ ދައުރު ފެށްޓެވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ހިޒް އެކްސެލަންސީ ޝީ ޖިންޕިންގްއަށް ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. މިގޮތުން ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު 2 މަޝްރޫޢު ކަމަށްވާ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ވަން-ޗައިނާ ސިޔާސަތަށް އެއްބާރުލެއްވުން ދެއްވާ މިންވަރު ފާހަގަކުރައްވާ ޗައިނާ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި މި ސިޔާސަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުންރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަޤްވާމީ މަޝްރަހުގައިވެސް ދެ ޤައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ޤައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާރު ކުރިއަށްދާ ތަފާތު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާމެދު އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހޭކަން ފާޅު ކުރައްވާ ރާއްޖޭގެ ބޮޑެތި މަޝްރޫޢުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމުކަމެއްކަމަށް ޗައިނާގެ ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ވިޔަފާރީގެ ދާއިރާގައި ދެ ޤައުމުގެ ގުޅުން ތަރައްޤީކުރުމަށްއެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން