ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން އުޅަނދުގެ ކޮމާންޑަރ ރެއާ އެޑްމިރަލް ޝެން ހާއޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާގެ ފަރާތުން ރާއްޖެ ތަރައްޤީކުރުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު މިއަހަރު ފުރޭތީ އެކަންވެސްވަނީ ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކޮމާންޑަރ ވަނީ ޗައިނާގެ ވަފްދު ރާއްޖެވަޑައިގަތުމުން ރާއްޖޭން ކިޔާފައިވާ ހޫނު މަރުޙަބާއަށް ޝުކުރު ދަންނަވާފައެވެ. އަދި ޗައިނާގެ ރައީސް، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމުގެ އަގު ވަޒަންކުރައްވާކަމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަޙްމަދު ޚަލީލާއި ފޮރިން ރިލޭޝަންސްގެ އަންޑަރސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް ބައިވެރިވެވަޑައިގެންނެވިއެވެ.