މިހާރު ރާއްޖެއަށް ޒިޔާރަތްކުރަމުން ގެންދާ ޗައިނާގެ ނޭވީ ފްލީޓުގައި ހިމެނޭ ޗާންގ ޗުން ޑިސްޓްރޯޔަރގައި މިރޭ ބޭއްވި އެކުވެރިކަން ބަދަހިކުރުމުގެ ހަފްލާގައި ދެ ޤައުމުންވެސް ފާހަގަކުރީ އެންމެ މުހިންމު ކަމަކީ ޞުލްޙަ އާއި އަމާންކަން ދެމެހެއްޓުން ކަމަށެވެ.
ދެ ޤައުމުގެ މެދުގައި ގާތް ގުޅުމަށް ބައްލަވާލައްވައި މަނަވަރުގެ ކޮމާންޑަރު ޒެން ހާ ވިދާޅުވީ މީގެ 600 އަހަރު ކުރިން ޗައިނާގެ ދަތުރުވެރިން ވަނީ ރާއްޖެ ފާހަގަކޮށް ރާއްޖެއަށް ތައުރީފްކޮށްފައި ކަމަށެވެ. އަދި މިއަދު ދެ ޤައުމުގެ މެދުގައި މިވަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި މުޅި ތާރީޚަށް ބެލި ނަމަވެސް ދެ ޤައުމުގެ މެދުގައި އެންމެ ގާތް ގުޅުމެއް ޤާއިމުކުރެވިފައި ވަނީ މިހާރު ކަމަށެވެ.
ޒާން ހާ ވިދާޅުވީ ދެ ޤައުމުގެ ސަރުކާރާއި އަދި ރައްޔިތުންގެ މެދުގައި ބަދަހިވެފައިވާ ގާތް ގުޅުމުގެ އިތުރުން އަސްކަރީ ގުޅުންތައް ވެސް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަހިވެފައި ކަމަށެވެ. މިއަދު ކުރެވެމުން މިދަނީ ދެ ޤައުމު ގުޅިގެން އިތުރު ތަމްރީނުތައް ހޯދުން ކަމަށެވެ.
ޒާން ހާ ވިދާޅުވީ ޗައިނާގެ ރައީސް ޒީ ޖިންޕިންގ އަކީ ހުރިހާ ޤައުމުތަކާއިއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ލީޑަރެއް ކަމަށާއި އެމަނިކުފާނު އެންމެ ބޮޑަށް ސަމާލުކަންދެއްވާ އެއްކަމަކީ ޤައުމުތަކުގެ ސަލާމަތައި ރައްކައުތެރިކަން ކަމަށެވެ. މިފަދަ ތަމްރީނު ތަކަކީވެސް އެގޮތުން ކުރިއަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއް ކަމަށެވެ.
މިރޭގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުހައިރުއެވެ. ޒުހައިރު ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ މެދުގައި ވަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައިވެސް ވަނީ ވަރަށް ގާތް ގުޅުންތަކެއް ކަމަށެވެ.
ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ދާއިރާތަކުންވެސް ޗައިނާއިން ގެންދަނީ އެހީތެރިވަމުން ކަމަށާއި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަނީވެސް ޗައިނާއިން ކަމަށެވެ. ހަމައެއާއި ވިޔަފާރި އާއި އިޤްޠިޞާދީ ގޮތުންވެސް ރާއްޖެއަށް ޗައިނާއިން ގެންދަނީ ވަަރަށް ބޮޑަށް އެހީތެރިވަމުން ކަމަށެވެ.
މިރޭގެ ހަފްލާގައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ޒިޒާންގ އައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ ގިނަ އަދަދެއްގެ ޑިޕޮލޮމެޓުންނާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހާޒިރީންގެ ޝަރަފުގައި ވަނީ ދެ ޤައުމުގެ ޘަޤާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.