ދެ ޤައުމުގެ ގުޅުން އެންމެ މަތީގަ- ދެން އޮތީ އިތުރު ހަރުފަތްތަކަށް ދާން މަސައްކަތްކުރުން: ސަފީރު ޒާންގ ޒީޒޯންގ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދެ ޤައުމުގެ ގުޅުން އެންމެ މަތީގަ- ދެން އޮތީ އިތުރު ހަރުފަތްތަކަށް ދާން މަސައްކަތްކުރުން: ސަފީރު ޒާންގ ޒީޒޯންގ
ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުންތައް މިހާރު ވަނީ އެންމެ މަތީގައި ކަމަށާއި ދެން އޮތީ އިތުރު ހަރުފަތްތަކަށް މައްޗަށް އަރަން މަސައްކަތްކުރުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ޒީޒޯންގ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ޗައިނާ މަނަވަރުގައި ރޭ ބޭއްވި ހަފްލާގައެވެ.

ސަފީރު ވިދާޅުވީ 2014 ވަނަ އަަހރު ޗައިނާގެ ރައީސް ޒީ ޖިންޕިންގ ރާއްޖެއަށް ކުރެއްވެވި ތާރީޚީ ދަތުރުފުޅާއިއެކު ދެ ޤައުމުގެ މެދުގައި އުފެދި ބަދަހިވަމުން އައި ގުޅުންތަކުގެ ތެރެއިން ރާއްޖެ މިހާރު މިވަނީ 21 ވަނަ ޤަރުނުގެ ސިލްކް ރޯޑްގެ ބައިވެރިއަކަށްވެފައި ކަމަށައި އެކަމުގެ ފައިދާތައްވެސް މިހާރު މިވަނީ ރާއްޖެއަށް ލިބެންފަށާފައި ކަމަށެވެ.

ސަފީރު ވިދާޅުވީ ރައީސް ޒީ ޖިންޕިން އަކީ މުޅި އިންސާނިއްޔަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށާއި އެހެން ޤައުމުތަކާއިއެކު ބާއްވަވާ ގުޅުންތަކުގެ ތެރެއިންވެސް އިންސާނީ ޚިދުމަތްތަކަށް އެމަނިކުފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ.

ސަފިރު ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާއަށް ބެލި ނަމަވެސް ރާއްޖެ އާއިއެކު ހަދަނީ ހަމައެކަނި ތަމްރީނުތައް ނޫން ކަމަށާއި ޞިއްޙީ ދާއިރާއިންވެސް ގެންދަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. އެގޮތުން މެޑިކަލް ޝިޕެއް ރާއްޖެއައިސް ޞިއްޙީ ޚިދުމަތް ދީފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.

ސަފިރު ވިދާޅުވީ ވިޔަފާރި އާއި އިޤްޠިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުންތައް ބަދަހިވެފައިވާއިރު ރާއްޖެއަށް ބޭނުންވާ ތައުލިމާއި ތަމްރީނު ފޯރުކޮށްދިނުމުގައިވެސް ޗައިނާއިން ގެންދަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައިވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިވަމުން ގެންދާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން ޞުލްހަމަސްލަހަތަށް ޚާއްޞަ ސަމާލުކަމެއްދޭ ކަމަށާއި އަމަން އަމާންކަން ދަމަހައްޓަން ޤައުމުތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރާއްޖެއާއި ޗައިނާގެ އަސްކަރިއްޔާގެ މެދުގައި ގުޅުން ބަދަހިކޮށް ތަމްރީނުތައް ކުރިއަށް ގެންދަނީވެސް އެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ކަމަށެވެ. މަނަވަރުތައް ރައްޖެ އައިސް ދިވެހި އަސްކަރިއްޔާ އާއި ގުޅިގެން ކުރާ މަސައްކަތްތަކަކީ ހަމަ އެ މަޤްޞަދުތައް ހާޞިލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުކުރެވޭ ބޮޅުތައް ކަމަށެވެ.

މިއީ ސަފީރު ޒާންގ ޒީޒޯންގ ރާއްޖޭގައި ދެއްވި ފުރަތަމަ ތަޤްރީރްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން