ފާއިތުވި އޯގަސްޓްމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 18 އިންސައްތަ އިތުރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 39ސ
ފާއިތުވި އޯގަސްޓްމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 18 އިންސައްތަ އިތުރުވެއްޖެ
ފާއިތުވި އޯގަސްޓްމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހު 269 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިމުއްދަތުގައި މިޢަދަދު 317 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި އޯގަސްޓްމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު، 11 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓްމަހު ދިވެހިރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ އޯގަސްޓް މި ޢަދަދު 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ ، އިންޑިއާއިން އަދި ސިންގަޕޫރު އާއި މެލޭޝިޔާއިން ކޮންމެ ޤައުމަކުންވެސް 11 އިންސައްތަ އެތެރެކޮށްފައިވާކަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީމަހުގެ ބާވަތްތައްކަމަށްވާއިރު، މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 40 އިންސައްތަ އެކްސްޕޯޓުކުރީ ތައިލެންޑަށް ކަމަށެވެ. އަދި 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށް ކަމަށެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޯގަސްޓަމަހާ އަޅާބަލާއިރު، ހުސްވި އޯގަސްޓްމަހު 14 އިންސައްތަ އިތުރުވެފައިވާ ކަމަށާއި މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 243 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 214 މިލިއަން ރުފިޔާއެވެ.
މިއަދު އޮންލައިން