ލޮލުން ފުސްކަހަންޖެހިފައި ތިބި މީހުންގެ ލޮލުން ފުސްކަހައިދޭ ކޭމްޕެއް ހޫޅުމާލޭ ހޮސްޕިޓަލުގަ އާއި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފިއެވެ.
ބްރައިޓް ޖަރނީ އައި ކޭމްޕްގެ ނަމުގައި ޗައިނާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ކުރިއަށް ގެންދާ މި ކޭމްޕް ކުރިއަށް ގެންދާނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކޭމްޕުގައި ޚިދުމަތް ދޭނެ މީހުން ވަނީ ކުރިން ސްކްރީންކޮށްފައެވެ.
މިފަދަ ކޭމްޕެއް ވަނީ 2015 ވަނަ އަހަރުވެސް ކުރިއަށް ގެންގޮސްފައެވެ. އެފަހަރުވެސް ސަތޭކައަށްވުރެ ގިނަ މީހުންގެ އޮޕަރޭޝަން ވަނީ ކޮށްދީފައެވެ. އެ ކޭމްޕަށް ގެނައި ތަކެތިވެސް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މިފަހަރުގެ ކޭމްޕް ކުރިއަށް ގެންދިއުމަށް މިއަދުވަނީ ފަހުމްނާމާގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ވައިސް މިނިސްޓަރު ވެން ހީ ސެންއެވެ.