މާރާމާރީތަކާއި ގުޅިގެން 50 މީހުން ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
މާރާމާރީތަކާއި ގުޅިގެން 50 މީހުން ހައްޔަރު ކޮށްފި
މިއަހަރުގެ ޖުލައި މަހުން ފެށިގެން މާލޭގައި ހިނގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން. މިހާތަނަށް 50 މީހުން ހައްޔަރު ކޮށްފައިވާ ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާރާމާރީގެ މައްސަލަތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 50 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި މީހުން މެރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނޭ ކަމަށާއި އަދި އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ޤަރީނާތައް ވެސް ހުރި ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިއަހަރުގެ ޖުލައި މަހު، ވަރަށް ރަހުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ އެންމެން ވެސް މިހާރު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަ ކުރެއްވިއެވެ. އަދި ވަރަށް ފަހުން ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ޒުވާނަކު މަރާލި މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށާއި، މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އިުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މާރާމާރީތައް ހިންގުމަށްފަހު އެއްވެސް މީހަކަށް ފިލާ ނުތިބެވޭނެ ކަމަށާއި ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދާ އެފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު އޮންލައިން