މުޅި އައްޑޫ ސިޓީއަށް ކަރަންޓު ދިނުމަށް އަރާނެ ލޯޑު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޚިދުމަތް ފުޅާ ކުރަން 30 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޟިރުވެވަޑައިގެން މަޖިލިސް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ހަތަރު ރަށަކަށް ކަރަންޓު ދެމުން އަންނަނީ 11 ޖެނަރޭޓަރެއް ހުރި އެއް އިންޖީނުގެއަކުން ކަރަންޓް ދޫކުރާ ނެޓުވޯކެއްގެ ތެރެއިން ކަމަށެވެ.
އެ ޖެނަރޭޓަރުތަކުން 6.5 މެގަވޮޓުގެ ކަރަންޓު ދޫކުރެވޭނެ ކަމަށާއި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އިތުރަށް ކަރަންޓު ދިނުމުގެ ޤާބިލުކަންވެސް އެ ޖެނަރޭޓަރުތަކުގައި ހުންނާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެސިޓީގައި އައު އިންޖީނުގެއެއް އެޅުމާއި 12.5 މެގަވޮޓަށް އިތުރު ކުރުމަށް ރާވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ 30 ވަރަކަށް މިލިއަން ޑޮލަރުހޯދަން މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.