މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއަށް 3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހުރާއްޖެއަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އަދި ފާއިތުވި ސެޕްޓެމްބަރމަހުރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައި ކަމަށެވެ.
2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 141 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 160 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށާއި ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު، މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 13 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށް ކަމަށެވެ. އަދި 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާ ޖަރުމަނުވިލާތަށް ކަމަށެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 23 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން ، ސިންގަޕޫރާއި ޗައިނާއިން ކޮންމެ ޤައުމަކުންވެސް 11 އިންސައްތަ އަދި މެލޭޝިއާއިން %8 އެތެރެކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ ފާއިތުވި ސެޕްޓެމްބަރމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގުވެސް ފައިބެއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރ މަހު %6 އިތުރުވެފައިވާ އިރު، މިއަހަރު ސެޕްޓެމްބަރމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 216 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ލިބިފައިވަނީ 203 މިލިއަން ރުފިޔާ ކަމަށެވެ.