ހުއްދަނެތި ޓެކްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހުއްދަނެތި ޓެކްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި
ޓެކްސް އޭޖެންޓުންގެ މަސައްކަތް ހުއްދަނެތި ކޮށްދޭ ފަރާތްތަކާމެދު ސަމާލުވުމަށް މީރާއިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވަނީ ޓެކުހުގެ ބޭނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުގެ އަދަދުތައް ހިސާބުކުރުމުގެ މަސައްކަތް މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުން ނޫން އެހެން ފަރާތްތަކުން ކުރަމުން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެފަދަ ބައެއް ފަރާތްތަކުން ތައްޔާރުކުރާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކޮށްފައި ހުންނަނީ، ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތު ނުލިބިކަމަށާއި އޭގެ ސަބަބުން ޓެކްސްދައްކާ ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަންވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޓެކުހުގެ މުއާމަލާތްތަކަކީ ފައިސާއާއި ގުޅުންހުރި މަސައްކަތަކަށްވާތީ، މި ފަދަ މުހިންމު މަސައްކަތެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ފަރާތަކީ މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓެއްތޯ ޔަޤީންކުރުން މުހިއްމުކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓުންގެ ލިސްޓް މީރާގެ ވެބްސައިޓް (www.mira.gov.mv) އިން ލިބެންހުންނާނެއެވެ.
މިއަދު އޮންލައިން