ކުޑަހުވަދޫ އާއި ނިލަންދޫގައި މީރާގެ ކަލެކްޝަން ސެންޓަރު ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުޑަހުވަދޫ އާއި ނިލަންދޫގައި މީރާގެ ކަލެކްޝަން ސެންޓަރު ހުޅުވައިފި
ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫގައި މީރާގެ ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.

ކުޑަހުވަދޫ ކަލެކްޝަން ސެންޓަރ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއުއާއި ކުޑަހުވަދޫގެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝާމްއެވެ.

ނިލަންދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރުއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ފ. އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރާއި ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ.

މީރާ އިން ބުނީ މި ދެރަށުގެ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރި މުހިއްމު މަސައްކަތެއްކަމަށެވެ.

މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައިވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށާއި މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުން ކަމަށް މީރާ އިން ބުންޏެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން މާލޭގައިވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ.

އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކުހާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމާއި ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.
މިއަދު އޮންލައިން