ހދ. ކުޅުދުއްފުށްޓަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު ހަވީރު ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެކުގައިހެން ނުކުމެ ދެންނެވީ އަދި މިހައިތަނަށް ރާއްޖޭގެ އެއްވެސް ރަށަކުން ދަންނަވާފައި ނުވާފަދަ ހޫނު މަރުހަބާއެއް ކަމަށް ޕީޕީއެމްެގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން އެރަށުގެ ރައްޔިތުން ބޭނުން ނުވާކަމަށް ބައަކު ބުނަމުން ގެންދިއަ ނަމަވެސް އެ ފަރާތްތަކަށް ކުޅުދުއްފުށީ ރައްޔިތުން ނުކުމެ މިއަދު އެދިނީ ޖަވާބު ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ބޭނުންވަނީ ތަރައްޤީ ކަމަށާއި ކޮންމެ ރަށެއްގައިވެސް ރައީސް ޔާމީނަށް މިފަދަ ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީނުގެ ރިޔާސީ ވައުދެކެވެ. ކުޅުދުއްފުށްޓަކީ މާލެއިން އިތުރަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު ދިރިއުޅޭ ރަށެވެ. ވިޔަފާރިއަށް ބަލައިފިނަމަ ވެސް އެންމެ ކުރީގައި އޮތް ރަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުން ތިބީ އެއާޕޯޓަކަށް ވަރަށް ބޮޑަށް އެދިއެދިއެވެ.