ޗައިނާގެ ފަތުރުވެރިންގެ ސަލާމަތަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން މަޝްވަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޗައިނާގެ ފަތުރުވެރިންގެ ސަލާމަތަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން މަޝްވަރާކޮށްފި
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންެގެ ސަލާމަތާއި ރައްކައުތެރިކަމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

ޝެރަޓަން ފުލް މޫން ރިޒޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް އެވެ.

މި ބައްދަލުވުމުގައި ބައެއް ރިޒޯޓުތަކުންނާއި ޓޫރިޒަމް މިނިސްޓްރީންނާއި އެމްއެމްޕީއާރުސީ އާއި ދިވެހި ފުލުހުންނާއި އިމިގްރޭޝަން ފަދަ ކަމާއި ގުޅުންހުރި ދާއިރާތަކުން ބައިވެރިވިއެވެ.



ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޗައިނާ ބަހުން ވާހަކަ ދައްކާ ގައިޑުން ނުވަތަ ދިވެހި މުވައްޒިފުން މަދުވުމުން މުޢާމަލާތުކުރުމުގައި ދިމާވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖެ އަންނަ ވަގުތުން ފެށިގެން ރާއްޖޭގެ މާހައުލާއި ގުޅުން ހުރި މުހިންމު މައުލޫމާތު ރަނގަޅަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް ފާހަގަކުރެވުނެވެ.

ރަނގަޅަށް ފަތަން ނުދަންނަ މީހުން މޫދަށްއެރިއުޅޭއިރު އަބަދުވެސް ލައިފް ޖެކެޓް އަޅައިގެން އުޅުމުގެ މުހިންމު ކަމާއި ފަތަން އެނގުނު ނަމަވެސް އެކަނި ދުރަށް ސްނޯކްލް ކުރަން ނުދިއުމަށް ހޭލުންތެރިކުރުވުމަށް ވެސް މަޝްވަރާ ކުރެވުނެވެ.



ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުން އަބަދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތުވެސް ފޯރުކޮށްދީ ރައްކައުތެރިވެ ތިބުމަށް އިލްތިމާސްކުރަމުން ގެންދެވޭ ކަމަށެވެ.

2017 ވަނަ އަހަރަށް ބަލައިފިނަމަ ރާއްޖޭގެ ފަތުރުވެރިންނަށް ކުރިމަތިވެފައިވަނީ އެންމެ 35 ހާދިސާއެވެ. ގިނަ ހާދިސާތައް ކުރިމަތިވެފައިވަނީ ފަތުރުވެރިންނަށް ދެވޭ މައުލޫމާތަށް އަމަލު ނުކުރުމުންކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މިދިއަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.3 މިލިއަން ފަތުރުވެރިންނަށް ބަލާއިރު މިއީ ވަރަށް މަދު އަދަދެއްކަން ފާހަގަކުރެވެއެވެ.



މިއަދުގެ ބައްދަލުވުމުގައި ވަނީ ޗައިނާގެ ފަތުރުވެރިންނަށް ރައްކައުތެރިކަމާއިއެކު ކަންކަން ކުރަން އަންގައިދޭ އައު ނިޝާންތަކެއް އިފްތިތާޙްކޮށްފައެވެ. އިފްތިތާޙްކޮށްދެއްވީ ޗައިނާގެ ސަފީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރެވެ.

މިފަދަ ބައްދަލުވުމެއް ވަނީ 2015 ވަނަ އަަހަރުވެސް ބާއްވައިފައެވެ.
މިއަދު އޮންލައިން