ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމަށް ލިބިދާނެ ފައިދާތައް ގިނަ: ޗައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމަށް ލިބިދާނެ ފައިދާތައް ގިނަ: ޗައިނާ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދުން ފެށިގެން 4 ދުވަހަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެތެރެއިން ޗައިނާ އަށާއި ރާއްޖެއަށް ލިބިދާނެ ފައިދާތައް ވަރަށް ގިނަ ކަމަށް ޗައިނާގެ ބައެއް ނޫސްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދެ ޤައުމުގެ މެދުގައި ސޮއިކުރެވޭ މިނިވަން ވިޔަފާރީގެ ތާޜީޚީ އެއްބަސްވުމެވެ.

އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަހާއިި މަހުގެ އުފެއްދުންތަކަށް ޗައިނާއިން އެއްވެސް ޑިޔުޓީއެއް ނުނަގާނެއިރު ރާއްޖެއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުންވެސް ޑިޔުޓީއެއް ނުނަގާނެއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ޗައިނާގެ ރައީސް ޒީ ޖިންޕިންގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ ވަން ބެލްޓް އެންޑް ސިލްކް ރޫޓުގެ މަޝްރޫއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޗައިނާ ވެސް ބޭނުންވަނީ ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށެވެ. އެހެންކަމުން މާލެ ސިޓީ އާއި ރާއްޖޭގެ ރަށްތައް އިތުރަށް ތަރައްޤީކުރަން ޗައިނާ އިން މިހާރުވެސް އަންނަނީ އެހީތެރިވެދެމުންނެވެ.

ރާއްޖޭގެ އިޤްޠިޞާދުގެ 80 އިންސައްތަ ހިއްޞާކުރަނީ ފަތުރުވެރިކަމެވެ. ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ. އެ އަދަދު އިތުރުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެކަމުން ބޮޑު ފައިދާއެއް ރާއްޖެއަށް ހޯދިދާނެއެވެ.

ސްރީލަންކާގެ ހަންބަންޓޮޓާ ބަނދަރު 99 އަހަރަށް ޗައިނާއަށް ދީފައި އޮތް ނަމަވެސް އެ ބަނދަރުން ޗައިނާގެ ނޭވީ އުޅަނދުފަހަރަށް ތެޔޮއެޅުމަށް ލަންކާ ސަރުކާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް މި ސަރަހައްދުން ދަތުރުކުރާ ޗައިނާގެ މުދާ އުފުލާ ބޯޓުފަހަރާ ނެވީ އުޅަނދުތަކަށް ރާއްޖެއިން ތެޔޮ އެޅިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާ އިން މިހައިތަނަށް މި ސަރަހައްދުގެ އެއްވެސް ޤައުމެއްގެ ދާޚިލީ ކަމަކާއި ބެހިފައެއް ނުވެއެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުވެދާނެކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އިންޑިއާ އިން އުފައްދަމުން ގެންދާ ޕްރެޝަރުތަކެވެ.
މިއަދު އޮންލައިން