ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ފައިދާކުރާނީ ދެ ޤައުމުގެ ރައްޔިތުންނަށް ކަމަށް ޗައިނާ އިން ބުނެފިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެން ސޮންގ ވިދާޅުވީ ރައީސް ޔާމީންގެ މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ހުރިހާ ދާއިރާތަކުންވެސް ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އެކަންކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ.
މިދަތުރުފުޅުގެތެރެއިން ރާއްޖެ އާއި ޗައިނާ އިން ސޮއިކުރަން ހަމަޖެހިފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާއިމެދު ޗައިނާ އިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން މި ސަރަހައްދަށްވެސް ފައިދާކުރާނެ ކަމަށެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޔާމީނު މިއަދު ޗައިނާއަށް ފަށްޓަވާފައިވާ ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމަށް ވެސް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޗައިނާ އިން އަންނަނީ ކުރިންސުރެ ބުނަމުންނެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ޗައިނާއިންކަން ރައީސް ޢަބްދުﷲ ޔާމީން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ރާއްޖޭގައި މިހާރު ވެސް ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބެލި ނަމަވެސް މަޝްރޫއުތަކުގެ އަގު 3- 4 ބިލިއަން ޑޮލަރަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ.
ރާއްޖެއަށް ޗައިނާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންެގެ އަދަދު އިތުރުކުރުމަށެވެ. ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ތަރައްޤީކުރަމުން ގެންދާ ރިޒޯޓުތަކާއިއެކު ޗައިނާގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.