އައްޑޫ ލިންކް ރޯޑްގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 3ސ
އައްޑޫ ލިންކް ރޯޑްގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެ
އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ހެނދުނު ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 13 އަހަރުގެ ކުޑަކުއްޖާ މަރުވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، ފަރުވާ ދިނުމަށްޓަކައި ދެ މީހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، 13 އަހަރުގެ ކުޑަކުއްޖާ މަރުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެވޭވަރަށްވުރެ އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާ ސީރިއަސްވުމުން އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ގެންދަން ހޮސްޕިޓަލުންނާއި އެ ކުއްޖާގެ ޢާއިލާއިން މަސައްކަތްކުރަމުން ދަނިކޮށެވެ. އެ ކުއްޖާ މާލެ ނުގެންދެވި ލަސްވަމުން ދިޔައީ ފުލައިޓުން ޖާގަ ނުލިބިގެންކަމަށް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖެއްކަމަށެވެ. އެހެން ނަމަވެސް، މީޑިއާ އޮފިޝަލް ފަހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓްގައި ދެން އަނިޔާވީ 21 އަހަރުގެ ޒުވާނެއްކަމަށެވެ. އެ ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓްގައި މަރުވީ ގދ.ވާދޫ ހިކިގަސްދޮށުގޭ އަރުޝަމް އިބްރާހިމްއެވެ.

މިއަދު އޮންލައިން