ހުޅުމާލޭގެ ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން ބޭނުންވާ ފައިސާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ.
މިރާއިން ބުނީ މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައިކޮންމެ އަހަރަކުވެސް ހިންގާއިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށެވެ.
އިއްޔެ ހަވީރު ފިޔަވަތީގައި ބޭއްވިމި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު،އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް،އުފާވެރި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުންބައިވެރިވިއެވެ. އަދި ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާއާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވިއެވެ.
މި ހަރަކާތާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާކަމަށެވެ.
ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ.އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެއްވާ އެހީތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް ވެވޭ ވަރަށްބޮޑު އެހީއެއްކަން ފާހަގަކުރައްވައިް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.