އައްޑޫސިޓީ ކައުންސިލުން މިއަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް 3.5 މިލިއަން ރުފިޔާ ހިމަނައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އައްޑޫސިޓީ ކައުންސިލުން މިއަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް 3.5 މިލިއަން ރުފިޔާ ހިމަނައިފި
އައްޑޫސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ޓްރަސްޓް ފަންޑްގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑަކީ މިދިޔައަހަރު އައްޑޫސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ފަންޑެކެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މިއަހަރުގެ ބަޖެޓްގައި ވެސް ކައުންސިލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ އަވަށްތަކުގެ އުމުރާނީ ކަންކަން ކުރިއަރުވައި ރަށްވެހިކަމުގެ ކުރިއެރުން ހޯދުމަށްކަމަށެވެ.

މިދިއަ އަހަރުގެ ބަޖެޓްގައި ހިމެނި ކުރިއަށް ނުގެންދެވުނު ބައެއް އެކްޓިވިޓީތައް ކޮމިޓްމަންޓްގެ ގޮތުގައި މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. މިގޮތުން މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަށްޓަކައި ނެރުބައްތި އާއި ދުރަށް އަލިފޮނުވައިދޭ ބައްތި ޖެހުމާއި، ބާބެކިއު އޭރިއާ ތަރައްޤީކުރުމާއި، ފެންބޮޑުވާ ސަރަހައްދުތަކުގެ ޑްރައިނޭޖް ސިސްޓަމް ރަނގަޅު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށް 3 ލައްކަ ރުފިޔާ ވެސް ވަނީ ހިމަނަފައި ވެއެވެ.

އައްޑޫސިޓީ ކައުންސިލުން މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އާ ކަންތައްތަކުގެ ތެރޭގައި އަތްތެރި މަސައްކަތާއި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމާއި، ފުޓްބޯޅަ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުން ވަނީ ހިމެނާފައެވެ.

2018 ވަނަ އަހަރަށް ކައުންސިލުން ފާސްކުރެއްވި މުޅި ބަޖެޓްގެ ޖުމުލައަކީ، 35864928.73 ރުފިޔާއެވެ. އަދި ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ ހަތްލައްކަ ރުފިޔާއެވެ.


މިއަދު އޮންލައިން