ރާއްޖޭގައި ވިޔަފާރިކުރަން އުފައްދާ ތަކެތި ޕެކޭޖްކުރަން އައްޑޫ ސިޓީގައި ޕެކޭޖިން ސެންޓަރެއް ހިންގާ މެނޭޖްކުރާނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ، ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުރދި ވިޔަފާރިތައް ތަރައްޤީވަމުން އަންނާތީވެ، މި ތަކެތި އިތުރަށް މާކެޓްކުރުމަށް ޕެކޭޖިން ސެންޓަރެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމުގައި އެ މިނިސްޓްެރީން ދެކޭކަމަށެވެ.
އައްޑޫ ސިޓީގައި ޕެކޭޖިން ސެންޓަރެއް ޤާއިމްކުރާނެ ތަނަކާއި އެ ސެންޓަރު ހިންގުމަށް ބޭނުންވާ ބައެއް މެޝިނަރީތައް އިކޮނޮމިކް މިނިސްޓްރީން ހޯދާފައިވާކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި ޤާއިމްކުރަން ހަމަޖެހިފައިވާ މި ޕެކޭޖިން ސެންޓަރު ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރަށެވެ.
ޕެކޭޖިން ސެންޓަރު ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުގެ 3:00 ގައި މައުލޫމާތު ސެޝަންއެއް ހިތަދޫ ބިޒްނަސް ސެންޓަރުގައި އޮންނާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މައުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސް ބަލައިނުގަނެވޭނެކަމަށެވެ.
.