ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލެކަމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަކީ ސަރުކާރު ހިންގުމަށް އޮތް ހުރަހެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވަރަށް ފާޑުފާޑުގެ ވާހަކަތައް އެބަ ދައްކާ ކަމަށާއި ކެބިނެޓް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.
"ޤައުމުގެ ސިޔާސީ މަސްރަހު ގޯހެއް ނޫން. އަޅުގަނޑު ޤަބޫލެއް ނުކުރަން ސިޔާސީ މަސްރަހަށް ބަދަލެއް އަތުވެއްޖެ ކަމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަނީ ފެށުނީއްސުރެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ކަމަށާއި ހަގީގަތަކީ މަގުމަތި ހަލަބޮލި ކުރަން އެބޭފުޅުން ކުރި މަސައްކަތް އިއްޔެ ކާމިޔާބެއް ނުވި ކަމަށެވެ.