ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ ސަރުކާރު ވެއްޓެންޖެހޭ ސަބަބެއް ނޫން: އަދުރޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ ސަރުކާރު ވެއްޓެންޖެހޭ ސަބަބެއް ނޫން: އަދުރޭ
ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ ސަރުކާރު ވެއްޓެންޖެހޭ ސަބަބެއް ނޫން ކަމަށާއި ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ސަރުކާރު ހިންގަން ހުރަސްއެޅޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ސްޕްރީމް ކޯޓުން ނެރުނު އަމުރު ޕީޕީއެމް އިންނާއި ސަރުކާރުންވެސް ބަލައިގަންނަ ކަމަށެވެ. އަދި އެ އަމުރު ތަންފީޒުކުރަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. ނަމަވެސް އެއަމުރާއި ގުޅުވައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމަކީ ބަޣާވާތެއް ކަމަށެވެ.

ބަންދުގައި ތިބޭ ކުށްވެރިންނަށް މަޢާފް ދިނުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެބާރު ލިބިފައިވަނީ ކްލެމެންސީ ބޯޑުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުން ކުށްވެރިންނަށް މަޢާފް ދީފައެއް ނުވެއެވެ. 9 މީހުންގެ ޝަރީއަތް ކުރިއަށް ގެންދިއަ މަރުހަލާތަކުގައި ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރުމުން ސްޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ޤަނޫނީ ހަމަތަކުގެ މަތީން ޝަރީއަތް ކުރެވި އިތުރު ޙުކުމެއް އިއްވަންދެން 9 މީހުން މިނިވަންކުރުމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ލަސްވެފައިވާތީ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. 22 ދުވަސް ވަންދެން ފަނޑިޔާރަކު ރަހީނުކޮށްފައިވެސް ބެހެއްޓި ކަމަށާއި އެކަމުގެ ވާހަކަތައް މިހާރު ނުދައްކާ ކަމަށެވެ.
މިއަދު އޮންލައިން