އިދިކޮޅު ފަރާތްތަކުން ހިންގާ ކަންކަމުގެ ތެރެއިން ތަންތަނަށް ގެއްލުންދިނުމާއި ހުޅުޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމުގެ މައުލޫމާތު އެކިގޮތްގޮތުން ލިބެމުންދާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ ވަކިވަކިތަންތަނަށް ގެއްލުންދިނުމާއި ސައިކަލްފަދަ ތަކެތީގައި އަލިފާން ރޯކުރުމުގެ ކަންކަން ހިންގާނެ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ހިންގަނީ އަމަން ނަގާލުމުގެ ހަރަކާތްތަކެއްކަމަށް ސިފަކުރައްވައި އަދުރޭ ވިދާޅުވީ އެފަދަ އަމަލުތައް ވަގުތުން ހުއްޓުވުމަށް ޕީޕީއެމްގެ ނަމުގައި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ރާވާ ފަރާތްތައް ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށްވެސް ގޮވާލާ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމަކީ މިހާރު ބާޠިލު ޙުކުމެއް ކަމަށާއި އެ ޙުކުމުގައި ހުރި ގިނަ ކަންތައްތަކެއް މިހާރު ވަނީ ބާޠިލުކޮށްފައި ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމުގެ ނަމުގައި މިހާރު މަގުމައްޗަށް ނުނުކުމެވޭނެ ކަމަށެވެ.
މީގެ އިތުރުން ވީޓީވީ އާއި ރާއްޖެ ޓީވީއަކީ ޤައުމުގައި ހަަމަނުޖެހުން އުފައްދާ ޓީވީތައް ކަމަށާއި އެއްވުންތައް ކަވަރުކުރަމުން ގެންދާ އެ ދެ ޓިވީ ސްޓޭޝަނާއިމެދު ވަގުތުން ފިޔަވަޅު އެޅުމަށް އަދުރޭ ވަނީ ގޮވާލައްވައިފައެވެ.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެތެރޭގައި ފުލުހުންވަނީ މީޑިއާއަށް ހުރަސް އެޅުން އިތުރުކޮށް ރާއްޖެ ޓީވީ އާއި 2 ނޫސްވެރިއަކަށް އަނިޔާކޮށް ހައްޔަރުކޮށްފައެވެ. އަދި މަންޒަރުތައް ލައިވްކުރުން ހުއްޓާލަންވެސް އަންގައިފައެވެ.