ރޭ އަތް ބިނދިފައިވާ ބ. ތުޅާދޫ މުޙައްމަދު ޢުޘްމާންގެ އަތް ބިނދިފައި ނުވާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ މުޙައްމަދު ޢުޘްމާންގެ އަތް ބިނދިފައި ނުވާ ކަމަށާއި އެއީ އުފެއްދި ވާހަކައެއް ކަމަށެވެ.
ޢަބްދުއްރަޙީމް މިމޭރުމުން ވިދާޅުވެފައިވާއިރު އަތުގެ ކަށިގަނޑު ބިނދިފައިވާކަން އެކްސްރޭއިން އެނގެއެވެ. އޮޕަރޭޝަން ކުރުމަށްޓަކައި މިހާރު ވެސް މުޙައްމަދު ޢުޘްމާން ވަނީ އައިޖީއެމްއެޗަށް އެޑްމިޓްކޮށްފައެވެ.
ޞައްޙަ ނޫން މައުލޫމާތު ފަތުރާކަމުގެ އިލްޒާމް މީޑިއާތަކުގައި މިއަދުވެސް ޢަބްދުއްރަޙީމް ވަނީ އަޅުވައިފައެވެ. އެކަން ކުރައްވައި ހަމަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދަ ދޮގު ވާހަކަތައް ދެއްކުމަކީ ޚާއްޞަކޮށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ރައީސް އަކަށް ހުރެ އެކަން ކުރުމަކީ މީޑިއާތަކަށް ކަންބޮޑުވުން އޮތް ކަމެކެވެ. ޤަބޫލުކުރަންވީ ޑޮކްޓަރުންނާއި އެކްސްރޭ އާއި ބަލިމީހާގެ ޙާލަތުކަން ނުވަތަ ޢަބްދުއްރަޙީމްގެ ބަސްކަން ކަނޑައަޅަން މީޑިއާތަކަށް މިވަނީ ބޮޑު މައްސަލައަކަށްވެފައެވެ.
އައިޖީއެމްއެޗަށް މުޙައްމަދު ޢުޘްމާން ބަދަލުކުރީ އޭޑީކޭގެ ޑޮކްޓަރުން އެކްސްރޭ ބެލުމަށްފަހު ބިނދިފައިވާ ކަމާއި އޮޕަރޭޝަން ކުރަންޖެހޭ ކަަމަށް ކަނޑައަޅައި ނަމަވެސް ޖަހަންޖެހޭ އިސްކުރު މިވަގުތު ލިބެން ނެތުމުންނެވެ. އައިޖީއެމްއެޗުން ބަލައި އެޑްމިޓްކޮށްފައިވަނީވެސް ޑޮކްޓަރުން ބެލުމަށްފަހު އޮޕަރޭޝަން ކުރުމަށެވެ.