ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމާގުޅިގެން މިހާރުވެސް އެތައް ސަތޭކަ ބުކިންގ ކެންސަލްވެއްޖެ: ޗައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމާގުޅިގެން މިހާރުވެސް އެތައް ސަތޭކަ ބުކިންގ ކެންސަލްވެއްޖެ: ޗައިނާ
ރާއްޖޭގައި މިމަހުގެ 5 ވަނަ ދުވަހުގެ ރޭ އިއުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމާއިގުޅިގެން މިހާރުވެސް އެތައް ސަތޭކަ ބުކިންގ ކެންސަލްވެއްޖެ ކަމަށް ޗައިނާގެ ނޫހަކުން ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ ސައުތު ޗައިނާ ޕޯސްޓް ނޫހުންނެވެ. އެނޫހުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރުގެދަށުން މީހުން ހިފާ ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކަށް ލިބިގެންދާ ކަމަށާއި އެއްވެ އުޅުމުގެ ހައްޤު ގެއްލިގެންދާ ކަމަށެވެ.

އެނޫހުގައި ބުނެފައިވަނީ މާލެ އާއި ދުރުގައި ހުރި ރަށްތަކުގައި އަމާންކަން އޮތްކަމުގެ ޔަޤީންކަން ސަރުކާރުން ދިން ނަމަވެސް 15 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމާއި ގުޅިގެންވެސް އެތައް ސަތޭކަ ބުކިންގ ކެންސަލްވެފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަށް ރައީސް ޔާމީން އަމަލު ނުކުރެއްވިކަމާއި އިދިކޮޅު ފަރާތްތައް ޖަލަށްލަމުން ގެންދާކަމާއި ކޯޓު އަމުރު ތަންފީޒުކުރާނެ ކަމަށް ބުނި ފުލުހުންގެ ދެ ވެރިން މަޤާމުން ވަކިކޮށްފައިވާކަން ވެސް އެނޫހުގައި ހާމަކޮށްފައިވެއެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާއްޖެއާއިމެދު ހާމަކުރަމުން ގެންދާ ވާހަކަތައް އެނޫހުގައިވެސް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ ޙާލަތު ޗައިނާއަށްވެސް މިހާރު ވަރަށް ރަނގަޅަށް އެނގޭކަން ދަނީ ހާމަވަމުންނެވެ.



މި ޚަބަރުގައިވާ ފޮޓޯއަކީ ހަމަ އެނޫހުގައިވެސް ޝާއިއުކޮށްފައިވާ ފޮޓޯއެވެ. ދުނިޔޭގެ ގިނަ ބޮޑެތި މީޑިއާތަކުން ވަނީ މި ފޮޓޯ ބޭނުންކޮށްފައެވެ.

މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ އަންނަން ތިބޭ ފަތުރުވެރިންގެ ހިތްތަކަށް ބިރުވެރިކަން އިހްސާސްކުރެވިގެންދެއެވެ. ރާއްޖެއަކީ ބިރުވެރި ތަނެއްގެ ގޮތުގައި ސިފަކުރެވިގެންދެއެވެ. މިފަދަ ގިނަ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދުނިޔޭގެ މީޑިއާތަކުގައި ދައުރުކުރަމުންނެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން