ޗައިނާއިން ރާއްޖެއަށް އެހީތެރިވާން ފެށީ މިއަދަކު ނޫނެވެ. މާލޭގައި ނަރުދަމާ އަޅައިދިނީވެސް ޗައިނާއިންނެވެ. އެއީ 1980 ގެ އަހަރުތަކެވެ. އެހެންކަމުން އެކަމުގެ ތާރީޚް އޮޅުވައިލުމަކީ ރަނގަޅުކަމެއް ނޫނެވެ.
މާލެ ހިޔާ ފްލެޓްތަކާއި ހުޅުމާލެ ފޭސް1 ގެ ފްލެޓްތައް އަޅައިދިނީވެސް ހަަމަ ޗައިނާއިންނެވެ. ޤައުމީ ކުތުބު ޚާނާ ހުރި އިމަރާއި ޤައުމީ ދާރުލްއާޘާރު ހުރި އިމާރާތާއި ފޮރިން މިނިސްޓްރީ ހުރި އިމާރާތްތައް ފަދަ އުމްރާނީތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ޗައިނާއިން ވަނީ ހިންގައިދީފައެވެ.
ލ. އަތޮޅު ލިންކް ރޯޑުގެ މަޝްރޫއަކީވެސް ފާހަގަކޮށްލަންޖެހޭ މަޝްރޫއެކެވެ. މިހުރިހައި މަޝްރޫއުތަކެއްވެސް ހިންގައިދީފައިވަނީ ހިލޭއެހީގެދަށުންނެވެ.
ޗައިނާއަށް ލިބިފައިވާ އިޤްޠިޞާދީ ތަނަވަސްކަމާއިއެކު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ލޯނު އެހީގެދަށުން ގެންދަނީ ގިނަ މަޝްރުއުތަކެއް ހިންގަމުންނެވެ. އެހެންކަމުން ބްރިޖް އެޅުމުގެ މަޝްރޫއާއި ފްލެޓް އެޅުމާއި އެއާޕޯޓް ތަރައްޤީކުރުން ފަދަ މަޝްރޫއުތައް ޗައިނާއިން ހިންގައިދެމުން ގެންދަނީ ލޯނު އެހީގެދަށުންނެވެ. ދިގު މުއްދަތެއްގައި އަގު އަދާކުރާ ގޮތަށެވެ.
ޗައިނާއިން ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުގެ ސަބަބުން މިހާރަށް ބަލައިފިނަމަ ރާއްޖޭގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ޤައުމަކީ ޗައިނާއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާއި ގުޅިގެން ބުނަމުންދަނީ ހުރިހާ ފަރާތްތަކެއްގެ މެދުގައި މަޝްވަރާކޮށްގެން ރަނގަޅު، ދާއިމީ ޙައްލެއް ހޯދަން އެދޭ ކަމަށެވެ. އަދި އެފަދަ މަސައްކަތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. ރާއްޖޭގެ މައްސަލަތައް އަމިއްލައަށް ޙައްލުކުރުމަށް އެދޭ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލައިފިނަމަ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމުގެ ގޮތުގައި ޗައިނާ އޮންނަތާ ވިދިވިދިގެން 7 އަހަރުވީއެވެ.
ޗައިނާއަކީ ރާއްޖޭގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ޤައުމުކަމަށްވުމުންނާއި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާކަމަށްވުމުން ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން އޮތުމަށް އެންމެ ބޮޑަށް ބޭނުންވާނެ އެއް ޤައުމަކީ ވެސް ޗައިނާކަމަށްވާނެއެވެ.