ޤާނޫނު އަސާސީއަށް އަމަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބްރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އިޝާރާތްކުރައްވައިފިއެވެ.
ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޖީޕީއެސްއަށް ބަލަން ކައްޕިއަށް ނުޖެހޭނެ ކަމަށާއި ޤާނޫނު ޖީޕީއެސް އިން ދައްކާ މަގަށްވުރެ ކައިރި މަގެއް ކައްޕިއަށް ފެންނަން އޮތް ނަމަ ކައްޕި ދަތުރުކުރާނީ އެމަގުން ކަމަށެވެ.
ޖީޕީއެސްއަކީ ދަތުރުކުރަންވީ މިސްރާބު އަންގައިދޭ ޒަމާނީ ވަސީލަތެކެވެ. އެހެންކަމުން އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރުކުރަނީ ޖީޕީއެސް ބަލައިގެންނެވެ. އަދި ޖީޕީއެސް އަށް ނުބަލައި ދުއްވަނިކޮށް ލިބޭ ގެއްލުންތަކަށް ކެޕްޓަނުންނަށް ޒިންމާވާންވެސް ޖެހެއެވެ.
އަދުރޭގެ ވާހަކައިގައި އެވިދާޅުވާ ޖީޕީއެސްއަކީ ރާއްޖޭގެ ޤާނޫނު އަސާސީ ކަމަށް ބެލެވޭއިރު އަދުރޭ އެވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރެއްވުމުގައި ޤާނޫނު އަސާސީއަށް ނުބައްލަވާނެ ކަމާއި އެންމެ ފަސޭހައިން ކަންކަން ކުރެއްވެން އޮންނަ ގޮތަކަށް ކުރައްވަމުން ގެންދަވާނެ ކަމަށް ކަމުގައި ޤަބޫލުކުރެވެއެވެ.
އަދުރާ ވިދާޅުވީ ކައްޕަ އޮޑި ދުއްވަމުން ގެންދަވަނީ ވަރަށް ހުޝިޔާރުކާއިއެކުގައި ކަމަށެވެ. ކަނޑު އެންމެ ގަދަ އިރު ވެސް އޮޑި ދުއްވަވަނީ ހަމަ މަޑު އިރުވެސް ދުއްވަވާހައި ފަސޭހަކަމާއިއެކުގައި ކަމަށެވެ. ކައްޕިގެ ދަތުރުގައި ކަންބޮޑުވާންޖެހޭވަރުގެ އެއްވެސް ކަމެއް އަދި ދިމާވެފައި ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.