ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ގެ ބައެއް ރަށްތަކާއި ގދ. ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން އެބަގެންދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ މައުލޫމާތު ދެއްވި ގޮތުގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އައްޑޫސިޓީ ހިތަދޫގެ ދެ ގެއަކާއި، ފޭދޫގެ ދެ ގެއަކަށް އަދި ހުޅުދޫގެ ދެ ގެއަކަށް ފެނުގެ އަސަރު ކޮށްފައިވެއެވެ. ނަމަވެސް އެއްވެސް އެއްޗެކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމީދޫގައި ފެން ބޮޑުވެފައިވާސަރަޙައްދު ތަކުގައި ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫސިޓީ ފޭދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަރން އޭރިއާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.