"ޝައްވާލު މަހުގެ 6 ރޯދަ ހިފޭނީ ގެއްލިފައިވާ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށް ފަހުގައެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ހަ ރޯދަ ހިފޭނީ ގެއްލިފައި ތިބި ރޯދަތައް ޤަޟާ ކޮށްފަތޯ؟
ނޫނީ 6 ރޯދަ ހިފާއިރު ޤަޟާ ރޯދައަށް ނިޔަތް ގަނެގެން ހިފިއްޔާ (ގެއްލިފައިވާ ރޯދަ) ޤަޟާ ކުރުމުގެ އިތުރުން ހަ ރޯދައިގެ ސަވާބު ލިބޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިކަމުގައި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު، ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވެސް ފަތުވާ ދެއްވަވާފައިވަނީ ފުރަތަމަ ހިފަންޖެހޭނީ ޤަޟާ ކުރަންޖެހިފައިވާ ރޯދަތައް ކަމަށެވެ. މިފަތުވާ ދެއްވީ އިސްލާމީ މަރުކަޒުގެ ޑިރެކްޓރަކަށް ހުންނަވައިގެންނެވެ.
ހަމަ އެ ރޯދަމަހު އެތަނުގެ ސްޓޭޓް މިނިސްޓަރަކު ފަތުވާ ދެއްވީ ފުރަތަމަ ހިފަންޖެހޭނީ 6 ރޯދަ ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ ބައަކަށް އޮޅުން އަރާގޮތް މެދުވެރިވުމުން ޑރ. ޢަބްދުލްމަޖީދަށް ދެންނެވުމުން ޢަރަބި ބަހުން ލިޔެފައި އޮތް ފޮތެއް ހުޅުވާލައްވައި އެއިގެ ތެރެއަށް ކަރުދާސްގަނޑެއް ލައްވަވާފައި ވިދާޅުވީ މި ފޮތް ހިފައިގެން ގޮސް އެބޭފުޅާއަށް ދެއްކުމަށެވެ. އަދި ފުރަތަމަ 6 ރޯދަ ހިފަން ތިއަ ފަތުވާ ދެއްވަނީ ތިއަ ބޭފުޅާ ކިޔަވާ ވިދާޅުވި މި ފޮތުގައި މިހެން އޮއްވާތޯ ސުވާލުކުރުމަށެވެ.
ފޮތް ހިފައިގެން ގޮސް އެބޭފުޅަކަށް އެހެން ދެންނެވުމުން ވިދާޅުވީ ތިއަ މައްސަލަ އެހައި ބޮޑަށް ބެލިފައި ނެތް ކަމަށާއި ބައްލަވާ ލައްވާފައި ޖަވާބެއް ދެއްވަވާނެ ކަމަށެވެ. އެއިގެ 5 ވަރަކަށް އަހަރު ފަހުން މަޤާމުން ވަކިވެވަޑައިގެންނެވި އިރުވެސް ޖަވާބެއް ނުދެއްވައެވެ.
އެހެން އަހަރަކު ރާއްޖޭގެ އެންމެ ބޮޑު އެއް އިލްމުވެރިއަކު، ކުރިން ހަ ރޯދަ ހިފުމަށް ވިދާޅުވިއެވެ. އަދި ކުރިން 6 ރޯދަ ހިފުމަށްފަހު ޤަޟާ ރޯދަތައް ހިފުމަށް އަހަރުގެ ބާކީ އޮތް ހުރިހާ ދުވަސްތަކެއް އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތަށް ވިދާޅުވުމުން މިވަނީ ކިހިނެއްތޯ ޑރ. ޢަބްދުލްމަޖީދަށް ދެންނެވުމުން ވިދާޅުވީ އަހަރުގެ ހުރިހާ ދުވަހެއް ފާއިތުވަންދެން ނޫނީ ހިފާނެ ދުވަހަކުން ހިފަން އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ ގަރަންޓީ ދެއްވިދާނެތޯ އޭނާ އާއި ސުވާލުކުރުން ރަނގަޅުވާނެ ކަމަށެވެ.
ފުރަތަމަ ހިފަންޖެހޭނީ ޤަޟާ ރޯދަ ކަމަށް ވިދާޅުވާ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޤަޟާ ކުރަން ޖެހޭ ރޯދަ ހުއްޓައި ޤަޟާ ނުކޮށް ހަ ރޯދަ ހިފުމުން މަޤްޞަދު ޙާޞިލުވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ޝައްވާލު މަހުގައި 6 ރޯދަ ހިފުމުން މުޅި އަހަރު ދުވަހު ރޯދަ ހިފި ކަމުގެ ސަވާބު ލިބެނީ ރަމަޟާން މަހު ހިފަންޖެހޭ ހުރިހާ ރޯދަތަކެއް ހިފުމަށްފަހު އިތުރަށް ޝައްވާލު މަހުގައި 6 ރޯދަ ހިފުމުން ކަމަށެވެ. ރަމަޟާން މަހުގައި ހިފަންޖެހޭ ރޯދަތަކެއް ނުހިފައި ބަހައްޓާފައި ޝައްވާލުމަހުގައި 6 ރޯދަ ހިފުމަކުން އަދަދު ހަމަ ނުކުރެވޭނެ ކަމަށާއި އެހެންކަމުން ކަމުގެ މަޤްޞަދު ޙާޞިލުވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހުގައިކަން ސުންނަތް 6 ރޯދަ ހިފަންޖެހޭނީ. އެހެންވީމާ ރަމަޟާން މަހުގެ ރޯދަތަކެއް ނުހިފައި ހުރިނަމަ ރަމަޟާން މަހުގެ ރޯދަ ހިފުނު ކަމަކަށް ނުވާނެ ނޫންތޯ؟"
"ޤަޟާ ކުރަންޖެހޭ ރޯދަ ނުހިފައި ޝައްވާލުމަހުގެ 6 ރޯދަ ހިފިނަމަވެސް އަހަރު ދުވަހު ރޯދަ ހިފިކަމުގެ ސަވާބު އެމީހަކަށް ލިބޭނީ ޤަޟާ ކުރަންޖެހޭ ރޯދަތައް ޤަޟާކޮށް ނިންމި ދުވަހަކުން. އެހެން ނޫނީ އަދަދު ހަމައެއް ނުކުރެވޭނެ." ކަމަށްވެސް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.