މާލޭގެ ދެ ފިހާރައެއް މިއަދު ފަތިހު ފަޅާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި ފަ ފަޅާލާފައިވަނީ މަޖީދީ މަގުގައި ހުންނަ ރަވާބީ ނަމަކަށް ކިޔާ ފައިވާން ފިހާރައަކާއި ހަވީރީ ހިނގުމުގައި ހުންނަ ތްރީ އެޗް މާޓު ނަމަކަށް ކިޔާ ފިހާރައެކެވެ.
މި ދެފިހާރައިގެ ވެސް ބިއްލޫރިގަނޑު ތަޅާލާފައިވާއިރު، ތްރީ އެޗް މާޓަށް ވަތް މީހާ ފުލުހުން ހައްޔަރު ކޮށްފައިވަނީ އެފިހާރައި ތެރޭގައި ހުއްޓައި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތްރީ އެޗް މާޓުގެ ބިއްލޫރިގަނޑު ފަޅާލައިފި ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ފަތިހު 4:40 ގައި ކަމަށާއި މިމައްސަލައިގައި ހައްޔަރު ކުރެވުނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރެވުނީ އާންމުންގެ މީހެއްގެ އެހީތެރިކަމާއެކު, ފިހާރާ ތެރޭަގައި އެމީހާ ހުއްޓާ ކަމަށާއި އެމީހާއަކީ މިބާވަތުގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރަވާބީ ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލާފައިވާ ކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެނދުނު 6:23 ގައި ކަމަށާއި އެފިހާރަ ފަޅާލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިދެމައްސަލައަކީ ވެސް ތަފާތު ދެ މައްސަލަކަމަށާއި ދެމައްސަލައިގައި އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރަވާބީ ފިހާރަ ފަޅާލިއިރު, އެފިހާރައިގައި 500 އަށްވުރެ ގިނަ ރުފިޔާ ނުހުންނާނެ ކަމަށް އެފިހާރައިގެ ވެރި ފަރާތް މައުލޫމާތު ދީފައިވެއެވެ.