މުޖުތަމައުގައި ދޮގުހެދުމާއި އޮޅުވާލުން ޢާންމުވެފައިވާވަރުން ޢާއިލާގެ ތެރޭގައި ޖެހޭ ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ދޮގު ބުނުމާއި އޮޅުވާލުން މިހާރު ވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. އެއިގެ އިތުރުން ދޮގު ހުވާކުރަންވެސް ޖެހިލުން ނުވާ މީހުން ދަނީ އިތުރުވަމުންނެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ހުވާ، ހުވައަކަށް ވާނީ ވަކި ގޮތަކަށް ކުރުމުންނެވެ. ނުވަތަ ވަކި ތަނެއްގައި ވަކިމީހެއްގެ ކުރިމަތީގައި ކުރުމުންނެވެ. ނުވަތަ ފަނޑިޔާރަކު ހުވާ ލައިދިނުމުން ހުވާކުރުމުންނެވެ.
ޤައުމީ ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި ޓީވީތަކުން ލައިވްކުރުމާއިއެކު ރައްޔިތުންގެ ކުރިމަތީގައި ފަނޑިޔާރަކު ހުވާ ލައިދިނުމުން ހުވާކުރުމަށްފަހު ވެސް ހުވައާއި ޚިލާފުވުން ޢާންމު ކަމަކަށްވެފައިވުމުން އެނޫން ގޮތްގޮތަށް ކުރާ ހުވައަކީ ހުވައެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން ގިނަވި ނަމަވެސް ހުވާ ވާނީ ހަމަ ހުވައަކަށެވެ. "މާތްﷲ ގަންދީ" ބަހެއް ބުނެފިނަމަ އެބަހަކީ ދަމަހައްޓަންޖެހޭ މަތިވެރި ބަހެކެވެ.
ޢާއިލީ ކަމެއްގައި ނަމަވެސް ޚަޠިމުގައި އަތްނުލައި ނަމަވެސް ހުވާ ކުރުމަށްފަހު ހުވާ އުވާލުމަކީ ކިހައިވަރެއްގެ ކަމެއްކަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މިބަސްފުޅުން އެނގިގެންދެއެވެ.
"ދަރިފުޅު ޙަރާމެއް ނުވާނެއެވެ. ކޮންމެ ތަނެއްގައި އަތްލައިގެންހުރެ ކުރި ނަމަވެސް ނުވަތަ އަތްނުލާހުރެ ކުރި ނަމަވެސް (ހުވާ ކުރުމަށްފަހު) ހުވައާ ޚިލާފްވެއްޖެ ނަމަ ކައްފާރާ ދޭންޖެހޭނެއެވެ.
އެއީ 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުމެވެ. މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ 3 ދުވަހު ރޯދަ ހިފުމެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ދަރިންގެ ބޮލުގަ އަތްލާފަ މިވެނި ކަމެއް ދެން ނުކުރާނަމޭ. ކޮށްފިނަމަ ދަރިން ޙަރާމޭ ބުނެ އެކަމެއް ކޮށްފިނަމަ އެ ދަރި ޙަރާމްވާނެތޯ؟ އަދި މިކަމުގެ ޙުކުމަކީ ކޮބައިތޯ؟ ނުކުރާނަމޭ ކިޔާ މިގޮތަށް ހުވާކޮށް އެކަމެއް ކޮށްފިނަމަ ފާފަވެރިވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ހުވާ އުވާލުމަކީ މިފަދަ ބޮޑު ކަމެއް ނަމަވެސް އަދި ކައްފާރާ ދޭންޖެހޭނެކަން ކަނޑައެޅިގެން އެނގޭއިރުވެސް އެކަން ކުރަނީ ކިތަށް މީހުން ކަމާއިމެދު ސުވާލު އުފެދެއެވެ. އެނގޭ ކަމަކީ ކައްފާރާ ދޭންޖެހޭ ކަންކަމުގައި ކައްފާރާ ނުދީވާނެ ގޮތެއް ނުއޮންނަކަމެވެ. ހިސާބު ބެލެވޭ ދުވަހު އެބައި ދަރަނީގެ ގޮތުގައި ބޮޑެތި އަދަދުތަކުން އުނިވެގެންދާނެ ކަމެވެ.