"ދަމުނަމާދުގަ 2 ރަކްޢަތް ކުރެވިދާނެއެވެ. ނަމަވެސް ވަކި ސޫރަތެއް ވަކި އަދަދަކަށް ކިޔަވާކަށް ނުޖެހޭނެއެވެ. އެގޮތަށް އެކަން ޤަބޫލުކުރުމަކީވެސް މައްސަލައެކެވެ." - ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދަމުނަމާދުކުރުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށެވެ. ނަމަވެސް ލުއިކޮށް ކުރަން ބޭނުންވާ މީހާއަށް އެ ގޮތްވެސް އެބައޮތެވެ. އަދި ގިނަ ރަކްޢަތް ކުރަން ބޭނުންވާ މީހާއަށް އެ ފުރުޞަތުވެސް އެބައޮތެވެ. ގިނައިން، ދިގުކޮށް ކިޔަވަން ބޭނުންވާ މީހާއަށް އެ ފުރުޞަތު ވެސް އެބައޮތެވެ.
އެންމެ މުހިންމީ ދަމު ނަމާދު، 2 ރަކްޢަތުން ނަމަވެސް ކުރަން ފަށައިގަތުމެވެ. އެމީހަކަށް ތަކްލީފަކަށްވާވަރަށް ނުކޮށް ފަސޭހަކަމާއިއެކު ކުރެވޭ ވަރަކުން ކުރަން ފަށައިގަތުމެވެ. ކިތަންމެ ކުރުކޮށް ނަމަވެސް ކުރަން ފެށުމެވެ. ދަމުނަމާދަކީ ކުރަން ފެށުމުން ޝައުޤުވެރިކަން އިތުރުވެ ދެވި ހިފާ ނަމާދެކެވެ.
ބައެއް މީހުން ދަމު ނަމާދުކުރުމަށްޓަކައި ފަތިސް ނަމާދު ވަގުތު ޖެހުމުގެ ކުރިން ވަގުތު އޮއްވައި ގޮސް ނަމާދުކުރެއެވެ. އަދި ނަމާދުކުރުމަށްފަހު ފަތިސް ނަމާދަށް އިންތިޒާރުކުރެއެވެ.