ރާއްޖޭގެ ވެރިކަން ބަދަލުނުކުރާނަމަ އިސްތިޤްލާލުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް: އިބްރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރާއްޖޭގެ ވެރިކަން ބަދަލުނުކުރާނަމަ އިސްތިޤްލާލުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް: އިބްރާ
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ ވޯޓުލައި ރާއްޖޭގެ ވެރިކަން ބަދަލުނުކުރާނަމަ ދިވެހި ޤައުމުގެ އިސްތިޤްލާލުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރަން ޕާޓީގެ ހެޑްކްއާޓަރޒް، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި އިބްރާ ވިދާޅުވީ 23 ޑިސެމްބަރުގަ ނަގާ ވޯޓުން ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފިނަމަ ދެން ވާނެ ވަރަށް ގިނަ ގޮތް އެބަހުރި ކަމަށެވެ.

"އެއިގެ ތެރެއިން އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވާ ކަންކަމުގެ ވާހަކަ މިދަންނަވަނީ. .1 އެއަށްފަހު ރާއްޖޭގެ ރައްޔިތުންނަށް ވޯޓުފޮށްޓެއް ނުފެންނާނެ. .2 ރާއްޖޭގެ ކޮންމެ އަތޮޅެއްގަ ގިނަވެގެން މީހުން (ދިވެހިން) އުޅޭ އޮންނާނީ 1 ރަށް. އެހެން ހުރިހާ ރަށްތައް މިލްކުކޮށްގެން ތިބޭނީ އެހެން ޤައުމުތަކުގެ މީހުން. .3 ރާއްޖޭގެ 3 ލައްކައެއްހައި ދިވެހިންގެ މައްޗަށް އަމުރުކުރާނެ 3،2 މިލިއަން ބޭރު މީހުން އުޅޭނެ."

އިބްރާ ވިދާޅުވީ އެދުވަސް އައުމުން އިސްތިޤްލާލުގެ ވާހަކަ ދައްކަންވެސް އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ރައްޔިތުން އުންމީދު ކުރި އެއްވެސް ކަމެއް ފުރިހަމައެއް ނުވޭ. އެއްވެސް އެއްޗެއްގަ އަތްލާކަށް ނުލިބޭ، އެންމެ ބޮޑަށް ބޭނުންވަނީ އިންޞާފު. އަދިވެސް ތިބެން މިޖެހެނީ އިންޞާފު ލިބުމުގެ ވާހަކަތައް ދައްކަ ދައްކަ."

އިބްރާ ވިދާޅުވީ ޤައުމުގެ ޙާލަތު ބަދަލުކުރަން ކުރަން އޮތް ހަމައެކަނި ކަމަކީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވީހައި ހެނދުނާ ނުކުމެ ވޯޓުލުން ކަމަށެވެ. އެކަން ނުކޮށްފިނަމަ އެހިސާބުން ހައްޤުތަކާއި އިންސާފުގެ ވާހަކަ އިތުރަށް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. "ރައްޔިތުން ނުކުމެ ހާލަތު ބަދަލު ނުކޮށްފިނަމަ އެކަން ކުރަން ދެން އަންނާނީ ކާކު ނާންނާނެ އެމީހަކު."

އިބްރާހީމް އިސްމާޢީލް (އިބްރާ) ގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން