"ދަތުރު މަތީގައި ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވައި އެހެން ރަވާތިބު ސުންނަތް ނަމާދުތަކެއް ނުކުރާނެއެވެ. ނަމަވެސް ވަގުތު އޮތްނަމަ ތަހައްޖުދު ނަމާދާއި ޟުޙާ ނަމާދު ކުރުން ރަނގަޅެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މި ޖަވާބު ދެއްވާފައިވަނީ "ޢާންމު ގޮތެއްގައި ސުންނަތް ނަމާދުކުރާ މީހުން ދަތުރު މަތީގަ އުޅޭއިރު ސުންނަތް ކުރަން ޖެހޭތޯ؟ އަދި ވިތްރް އާއި ތަހައްޖުދު ނަމާދު ކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
"މާލޭގަ ހުރެފަ އެއާޕޯޓަށް ފުރަންދާއިރު ޢަޞްރު ނަމާދުގެ ކުރިން ދާނަމަ ޢަޞްރު ނަމާދު އިސްކޮށް ޖަމްޢްކޮށްގެން ދެވޭނެތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ "އެއާޕޯޓަށް ދިއުމުގެ ކުރިން ކުރާނަމަ ކުރެވޭނީ ހަމައެކަނި ޖަމްޢް، ނަމަވެސް އެއީ މެންދުރު ނަމާދުކޮށްފައި ވަގުތުން. މުވާލާތް ކެނޑިއްޖެނަމަ ނުކުރެވޭނެ. އެއާޕޯޓަށް ގޮސް ނަމާދުކުރާނަމަ 4 ރަކްޢަތް ނަމާދު 2 ރަކްޢަތަށް ކުރުކޮށްގެން ކުރެވިދާނެ." ކަމަށެވެ.
"ރަށުގެ ހުރިހާ ފިރިހެނުންނަށާ އަންހެނުންނަށް އެކުގައި ޖަމާއަތުގައި ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް ހުރި ނަމަވެސް ޢީދު ނަމާދުކުރުން ރަނގަޅީ ފުޓްސެލް ދަނޑުގައި ސަތަރިއަޅައިގެންތޯ؟ ނޫނީ މިސްކިތުގައިތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވަނީ "ވާރޭ ވެހުން ފަދަ އުޒުރެއް ނެތި މިސްކިތުގައި ޢީދު ނަމާދުކުރުމަކީ ބިދުޢައެއް" ކަމަށެވެ.