"އުފަން ދުވަސް ފާހަގައެއް ނުކުރެވޭނެއެވެ. އެއީ އުފަން ދުވަސް ފާހަގަ ކުރުމަކީ ކްރިސްޓިއަނުންގެ ދީނީ ޘަޤާފަތަކަށްވާތީއެވެ. އަޅުގަނޑުމެންނަށް މަނާވެގެންވަނީ އެފަދަ ކަންތައްތަކުގައި އެމީހުންނާއި އެއްގޮތް ވުމަށެވެ.
ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެއެވެ. ދުނިޔަވީ ގޮތުން އެމީހުންގެ އުފެއްދުންތައް ބޭނުން ނުކުރުމަކަށް ނޯވެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަޅުގަނޑުމެން ބޭނުންކުރާ ފޯނާއި ކަރަންޓް އުފައްދާ ޖެނެރޭޓަރުތަކާއި ފެން އުފައްދާ ޕްލާންޓް ފަދަ ތަކެތި ވެސް އުފައްދަނީ އެހެން ދީންތަކުގެ މީހުންނެވެ. ބޭނުންކުރާ ގިނަ ކާބޯތަކެތި އުފައްދަނީ ވެސް އެހެން ދީންތަކުގެ މީހުންނެވެ.
ޑރ. އިޔާޟްގެ ބަސްފުޅުން އެނގެނީ އެހެން ދީންތަކުގެ މީހުން އުފައްދާ ހަލާލު ތަކެތި އަދި ޙަލާލް ވަސީލަތްތައް ބޭނުންކުރުން މުސްލިމުންނަށް ހުއްދަކަމެވެ.
ހަމަ އެއާއިއެކު މުސްލިމަކު ފޭސްބުކް ފަދަ އެއްޗެއް އުފެއްދިނަމަވެސް އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމަށް ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާ މިހާރު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވެސް އިސްލާމް ދީން ހުއްދަ ނުކުރާ ގޮތްތަކަށް، ހުއްދަ ނުކުރާ ކަންކަމަށް ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ.
މިސާލަކަށް ވައިބަރ އިން ވީޑިއޯ ކޯލެއް ކުރުމަކީ ހުއްދަކަމެކެވެ. ދެމީހުން އެކަކު އަނެކަކަށް ފެނި ދެމީހުންގެ ގުޅުންވެސް އިތުރަށް ބަދަހިވާނެ ކަމެކެވެ. ނަމަވެސް އެގޮތުން ކުރާ ކޯލެއްގައި އިސްލާމް ދީން ހުއްދަ ނުކުރާ މަންޒަރުތަކާއި ކަންކަން ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ.