އުޟްޙިޔާ ކަތިލުން އެންމެ ރަނގަޅީ އެމީހަކު ދިރިއުޅޭ ޤައުމެއްގައެވެ. ޤައުމެއްގައި ކަތިލުމުން ޙާޞިލުކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
އެހެނީ އުޟްޙިޔާއަށް ކަތިލި އެތިން އެތިކޮޅެއް އެމީހަކު ކެއުމަކީވެސް ސުންނަތެކެވެ. އަދި ޢީދު ދުވަހު ފުރަތަމަ ކާ ކެއުމަކީ އުޟްޙިޔާއަށް ކަތިލި އެއްޗެއްގެ އެތިކޮޅަކަށް ހެދުމަކީ ވެސް ސުންނަތެކެވެ.
މިފަދަ ސަބަބުތައް ހުރި ނަމަވެސް ރާއްޖެ ފަދަ ގެރި ބަކަރި ފަސޭހައިން ނުލިބޭ ޤައުމުތަކުގައި އަގު ބޮޑުވުމުންނާއި އެހެންވެސް ސަބަބުތަކާއި ހުރެ ޤައުމުގައި ކަތިލެވެން ނެތް ނަމަ އެހެން ޤައުމެއްގައި ކަތިލުމަކީ މައްސަލައެއް ނޫނެވެ. ނުކަތިލައި ހުރުމަށްވުރެ އިތުރުވެގެންވަނީ ކަތިލުމެވެ.
ވިސްނައިލުން ރަނގަޅެވެ. އަހަރަކު 2 ފަހަރު އަލަށް ނުކުންނަ އެންެމެ ފަހުގެ ފޯނު ގަތުމަށް ކޮންމެ ފަހަރަކު ،10،000 15،000 ރުފިޔާ ޚަރަދުކުރާއިރު 6،000 ރުފިޔާ ވަރު ހޭދަކޮށްގެން އަހަރަކު އެއް ފަހަރު އުޟްޙިޔާ ކަތިލަން ފަސްޖެހުމަކީ ކޮން ގޮތެއް ހެއްޔެވެ؟
- މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރާއްޖޭގައި މިފަހަރު ބަކައްޓެއްގެ އަގު ހުރީ 5،000 ރުފިޔާ އާއި 7،000 ރުފިޔާ އާއި ދެމެދުގައެވެ. އެހެންކަމުން މިހައިވަރު ހޭދަކުރެވެން ނެތް ގިނަ ބައަކު ވަނީ 1،000 ޚަރަދުކޮށްގެން ބޭރު ޤައުމުތަކުގައި ކަތިލައި ޤްރްބާން ކުރި ކަމުގެ ސުންނަތް ޙާޞިލުކޮށްފައެވެ. ހޭދަކުރެވެން ހުރި ނަމަ މޮޅުއިތުރުވެގެންވަނީ ރާއްޖޭގައި ޤްރްބާންކޮށް އެކަމުން ޙާޞިލުކުރެވެން ހުރި ހުރިހާ ސުންނަތްތަކެއް ޙާޞިލުކުރުމެވެ.
އުޟްހިޔާ ކަތިލުމަކީ މަތިކަން ބޮޑު ސުންނަތެކެވެ. އެމީހެއްގެ ކިބައިގައި ޤާބިލުކަންހުރި ވަރަކުން ސުންނަތް އަދާކުރުމުން އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ މިންވަރު ކުރައްވަވާނެތެވެ. ބޭރު ޤައުމެއްގައި އުޟްޙިޔާ ކަތިލަންވާނީ ޚަރަދުކުރުމުގެ ނިޔަތަކު ނޫނެވެ. އެމިހާގެ ޤައުމުގައި ކަތިލުމުގެ ޤާބިލުކަން ނެތިފައި އެހެން ޤައުމެއްގައި ކަތިލުމުގެ ޤާބިލުކަން ހުރިނަމަ އެ ސަބަބަށްޓަކައެވެ.