މިދިޔަ ހުކުރު ދުވަހުގެ ރޭ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުންނަ ސަރަހައްދުގައި، ނުވަތަ ގްރީން ޒޯން ގައި، ހިނގި މާރާމާރީ އާއި ގުޅިގެން މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ/ އިބްރާހިމް އާގިލް (18އ.) ގެ މަރުގެ މައްސަލައިގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތު (18އ) އެވެ. އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެކަން ފުލުހުންގެ
ހޮޓްލައިން ނަންބަރ 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރ 9911099 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާގިލް އަށް ހަމަލާދީ މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިތަނުންނެވެ. އެދުވަހު އޭނާ މާލެ އައިސް އެއް ނަންބަރު ފާލަން ކައިރިއަށް ފޭބިއިރު، އޭނާއަށް ހަމަލާ ދިނުމަށް އެވަގުތު އެސަރަޙައްދުގައި އެމީހުން ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.