ބުރުގާ ނާޅާ ބޭފުޅަކު ޤަވައިދުން ކުރާ ނަމާދު ރަނގަޅުވާނެތޯ؟ އަދި އެބޭފުޅަކަށް އެކަމުގެ ފުރިހަމަ ސަވާބާއި ހެޔޮ ދަރުމަ ލިބޭނެތޯ؟
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޞް ޢަބްދުއްލަޠީފް ވިދާޅުވީ:
"އާންމުކޮށް ބުރުގާ ނާޅާމީހަކުވެސް ނަމާދު ތެރޭގައި، އޭނާގެ އައުރަ ނިވާކުރާ ކަމުގައި ވާނީ ނަމަ އޭނާގެ ނަމާދު ޟައްހަ ވާނެއެވެ. އެހެން ނަމަވެސް ހިލޭ ފިރިހެނުން ކުރިމަތީ އައުރަ ނިވާ ނުކުރުމަކީ އެއްވެސް ޚިލާފެއްނެއް ގޮތުގައި ބޮޑުވެގެންވާ ފާފައަކަށް ވީއިރު، އެކަން ކުރުމުގައި ދެމި ހުރެއްޖެ ނަމަ އޭގެ މާނަ އަކީ އޭނާ ކުރާ ނަމާދުގައި މައްސަލައެއް އުޅެނީއެވެ. އެހެނީ ނަމާދަކީ ހަޤީގަތުގައި ފާހިޝް ކަންތަކާއި މުންކަރަތްތަކުން ދުރުކޮށްދޭ އެއްޗެއްކަމުގައި ކީރިތި ޤުރުއާނުގައި ﷲ އަންގަވާފައި ވެއެވެ.
އައުރަ ނިވާ ނުކޮށް މީހުންނަށް ތިމާގެ އައުރަ ދެއްކުމަކީ ފާހިޝް ކަމެކެވެ. އަދި ބޮޑުވެގެންވާ މުންކަރާތެކެވެ. މިކަމުގެ ނުބައިކަމުގެ ބޮޑުކަމުން ދޭހަކޮށްދެއްވުމުގެ ގޮތުން އައުރަ ނިވާ ނުކުރާ މީހާ ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަމުގައި ނަބިއްޔާ ސަލައްﷲ ޢަލަހިވަސައްލަމް ޚަބަރު ދެއްވާފައި ވެއެވެ. ވީމާ އެފަދަ މީހަކަށް އޮތީ އޭނާގެ ނަމާދުގައި ޚުޝޫއަތްތެރިކަން އިތުރުކޮށް އައުރަ ނީވާ ނުކުރުމުގެ ބޮޑު ފާފައިން ދުރުހެލި ވުމެވެ."