"ދިވެހިރައްޔިތުންގެ ހޮވުމަށް" ޗައިނާ އިން މަރުޙަބާ ކިޔައި ޗައިނާ އޮތީ ރާއްޖެއާއެކު އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށްކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެން ޝުއާން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ގެން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސްކަން ކުރައްވާނެ ރައީސަކު ދިވެހިން އިޚްތިޔާރުކޮށްފިކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ޒަމަމާންވީ ގުޅުން އިތުރަށް ބަދަހިކުރަން ޗައިނާއިން ބޭނުންވާ ކަމަށެވެ.
"ޗައިނާއިން މިދަނީ ރާއްޖޭގައި އިންވެސްޓްކޮށް ވިޔަފާރިކުރަން ޗައިނާގެ ކުންފުނިތަކަށް ހިއްވަރުދެމުން. ރާއްޖޭގެ ވިޔަފާރި ކުރިއަރައި އިޤްޠިޞާދަށް ކުރިއެރުން ލިބެން ޗައިނާއިން ބޭނުންވޭ." ގެން ވިދާޅުވެފައިވެއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާއިން އިންތިޚާބީ ރައީސަށް މަރުޙަބާ ކިޔުން ލަސްވީ ހޯމަ ދުވަހަކީ ޗައިނާގައި ބަންދު ދުވަހަކަށްވާތީއެވެ.
ސަރުކާރު ބަދަލުވި ނަމަވެސް އަދި އަވަށްޓެރި ޤައުމުތަކާއި އިތުރަށް ގުޅުން ބަދަހިކުރި ނަމަވެސް ޗައިނާ އާއިއެކު ޤާއިމުކުރެވިފައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވަން ރާއްޖޭގެ އިޤްޠިޞާދީ މާހިރުންނާއި ރާއްޖޭގެ އިޤްޠިޞާދާއިމެދު ވިސްނާ ފަރާތަކުން ގެންދަނީ އިންތިޚާބީ ސަރުކާރަށް އިލްތިމާސްކުރަމުންނެވެ.