ހުކުރު ދުވަހު މެންދުރު ނަމާދު ބަންގީގެ ފަހުން ކުރަންޖެހޭ ސުންނަތް ނަމާދެއް ނޯވޭ - ހުކުރު ނަމާދަށްފަހު 2، 4 ރަކްޢަތް ކުރުން ސުންނަތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ހުކުރު ދުވަހު މެންދުރު ނަމާދު ބަންގީގެ ފަހުން ކުރަންޖެހޭ ސުންނަތް ނަމާދެއް ނޯވޭ - ހުކުރު ނަމާދަށްފަހު 2، 4 ރަކްޢަތް ކުރުން ސުންނަތް: ޑރ. އިޔާޟް
"ހުކުރު ދުވަހު މެންދުރު ނަމާދު ބަންގީގެ ފަހުން ކުރަން ޖެހޭ ސުންނަތް ނަމާދެއް ނޯވެއެވެ.

ހުކުރުގެ ފަހުން ކުރާނީ ކިތައް ރަކްޢަތް ކަމާއިމެދުގައި ާިލްމުވެރިންގެ މެދުގައި ޚިލާފް އެބަހުއްޓެވެ. ސަބަބަކީ ދެކޮޅަށްވެސް ޞައްޙަ ޙަދީޘްތައް ހުރުމެވެ.

ފުރަތަމަ ޤައުލު: ހުކުރު ފަހުން ކުރާނީ 2 ރކްޢަތް ކަމަށް ވިދާޅުވުން- ދަލީލަކީ:

عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم (كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ , فَيُصَلِّى رَكْعَتَيْنِ). رواه البخاري (937) , ومسلم (882.)

މާނައަކީ، މާތް ﷲ ރުއްސުން ލެއްވެވި އިބްން ޢުމަރުގެ އަރިއަހުން ރިވާވެގެންވެއެވެ. ރަސޫލުޤ (ޞޢވ) ހުކުރު ނަމާދުން އަވަދިވެވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި މެނުވީ ނަމާދެއް ނުކުރައްވަވައެވެ. އެކަލޭގެފާނު ކުރައްވަވަނީ 2 ރަކްޢަތެވެ.

ދެވަނަ ޤައުލު: ހުކުރު ނަމާދަށްފަހު ކުރާނީ 4 ރަކްޢަތް ކަމަށް ވިދާޅުވުން- ދަލީލަކީ:

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ). رواه مسلم (881)

މާނައަކީ، މާތް ﷲ ރުއްސުން ލެއްވެވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ (ޞޢވ) ޙަދީޘް ކުރެއްވެވިއެވެ. ތިއަބައި މީހުން ހުކުރު ނަމާދުގެ ފަހުން 4 ރަކްޢަތް ކުރާހުށި ކަމެވެ.

3 ވަނަ ޤައުލު: 2 ރަކްޢަތް ކުރުމާއި 4 ރަކްޢަތް ކުރުމާއި ދެމެދު އެމީހަކު ބޭނުންވަރެއް އިޚްތިޔާރުކުރުން- ބޭނުންނަމަ 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ކުރުން:

4 ވަނަ ޤައުލު: މިސްކިތުގއި ސުންނަތް ކުރާނަމަ 4 ރަކްޢަތް ކުރުން، އަދި ގޭގައި ކުރާނަމަ 2 ރަކްޢަތް ކުރުން.

5 ވަނަ ޤައުލު: މިސްކިތުގައި 4 ރަކްޢަތް ކުރުމަށްފަހު ގޭގައި 2 ރަކްޢަތް ކުރުން.

ކޮންމެއަކަސް މިހުރިހާ ޤައުލުތަކެއް ބިނާވެފައި މިވަނީ މަތީގައި ބަޔާން ކުރެވުނު 2 ޙަދީޘްގެ އަލީގައެވެ. ވީމާ މިތަނުން ކޮންމެ ޤައުލެއް ހިފި ނަމަވެސް އިން ޝާ ﷲ މައްސަލައެއް ނެތެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް




މިއަދު އޮންލައިން