މަރަދޫގައި ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި 17 އަހަރުގެ ދެ ކުއްޖަކާ އިތުރު ހަތަރު މީހެއް ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
މަރަދޫގައި ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި 17 އަހަރުގެ ދެ ކުއްޖަކާ އިތުރު ހަތަރު މީހެއް ހައްޔަރު ކޮށްފި
އައްޑޫސިޓީ މަރަދޫގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން، ތޫނުއެއްޗަކުން ހަލަމާދިން މައްސަލައިގައި އުމުރުން 17 އަހަރުގެ ދެ ފިރިހެން ކުދިންނާއި އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 17 އަހަރުގެ އެއް ފިރިހެން ކުއްޖެއް ހައްޔަރު ކުރެވުނީ، ފިލައިގެން ހުޅުމީދޫ އަށް ގޮސް ހުއްޓާ ކޯޓު އަމުރެއްގެ ދަށުން، މިއަދު މެންދުރުފަހު ވަގުތެއްގައި ކަމަށެވެ.

އޭގެ ފަހުން މިރޭގެ ވަގުތެއްގައި، އިތުރު ފަސް މީހެއް މިމައްސަލައިގައި ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ވެސް އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ. އެފަސް މީހުން ހައްޔަރު ކޮށްފައިވަނީ ފޭދޫ ގެއެއްގެ ތެރޭގައި ފިލައި ތިއްބާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީ މަރަދޫގައި ރޭ ހިންގި މާރާމާރީގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އުމުރުން 17 އަހަރުގެ ދެ ފިރިހެން ކުދިންނާއި އުމުރުން 18 އަހަރާއި، 20 އަހަރާއި، 21 އަހަރާއި 22 އަހަރުގެ ޒުވާން ފިރިހެން ކުދިން ތަކެކެވެ.

ރޭ ހިންގި މާރާމާރީގައި ދެ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާިއރު އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް އެވެ. އުމުރުން 22 އަހަރުގެ މުޙައްމަދު އީވާންގެ ބުރަކައްޓާއި ބޮލާއި ކަރަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފުއްޕާމެއަށް ވެސް ވަނީ ވަރަށް ގެއްލުން ލިބިފައެވެ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިއަދު ހަވީރުގެ ވަގުތެއްގައި އޭނާވަނީ މާލެ ގެނެވިފައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫއިން އީވާންއަށް ފަރުވާ ދެމުން ގެންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށާއި ނޭވާ ލަމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން