ސުވާލު: "ޕީރިއަޑްވެގެން އުޅޭއިރު ފިރިމީހާގެ އަޅާލުން ވަރަށް މުހިންމުވާނެ ކަމަށް ބުނާތީ އަޑުއަހަން. ކިތަންމެ ދުރުގަ ހުރި ނަމަވެސް އަޅައިލެވޭނެ ކަމަށްވެސް ބުނެވެއެވެ. ފިރިމީހާ އަނބިމީހާ ޕީރިއަޑް ދުވަސްކޮޅު އަޅާލަން ޖެހޭނެތަ؟ އަދި އެކަން ކުރާނީ ކިހިނެއްތޯ؟"
ޖަވާބު: ހުރިހާ ދުވަސްވަރެއްގައިވެސް އަނބިމީހާއަށް އަޅާލައި ލޯބިދޭން ޖެހޭނެ. ޕީރިއަޑް ދުވަސްވަރަކީ މިޒާޖަށްވެސް ބަދަލުތަކެއް އައިސް ވަރުބަލިކަން އިޙްޞާޞް ކުރެވިދާނެ ދުވަސްކޮޅެއް. ވީމާ އެދުވަސްކޮޅު ގައިގަ ވަރުޖެހޭ ފަދަ ކާނާ ހޯދައިދީ ފިރުމާލަދީ ހަދަންވާނެ. ދުރުގައި ހުރިނަމަވެސް އަނބިމީހާ ހިތްހަމަޖެހޭ ފަދަ ވާހަކަ ދައްކައިގެން ވެސް ހެޔޮކޮށް ކަންކަން ކޮށްދެވިދާނެ."
ސުވާލު: "އަޅުގަނޑު އަޑުއެހިން އަންހެން ކަނބަލުން ހިނައިގަތުމުގަ ބައެއް ޙާލަތް ތަކުގައި އިސްތަށިގަނޑު އެއްކޮށް ނުތެންމި ނަމަވެސް ފުދޭ ވާހަކަ. އެކަން އޮންނަ ގޮތަކީ ކޮބައިތޯ؟"
ޖަވާބު: "ޖުނުބު ހިނައިގަތުމުގަ ގަތާފައި އޮންނަ އިސްތަށިގަނޑު ނުނިއުޅުވާ ފުދޭނެ. ނަމަވެސް ޕީރިއަޑްގެ ހިނެއުމެއްނަމަ (ޙައިޟުން ޠާހިރުވުމަށް) ނިއުޅަން ޖެހޭނެ"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
"ޙައިޟު ނުވަތަ ޖުނުބުވެރިޔާ ހިނައިގަތުމަށް ހިތުލައިގެން ފެންވަރަން ވަދެފައި ހަނދާން ނެތިގެން ހިނެއުމުގެ ނިޔަތް ނުގަނެ ފެންވަރައި ވުޟޫކޮށްގެން ނުކުމެ ނަމާދުކުރާފަހުން ހިނެއުމުގެ ނިޔަތް ނުކިޔޭކަން ހަނދާންވުމުން ކުރެވުނު ނަމާދު ޞައްޙަވާނެތޯ؟ ނުވަތަ އެވެރި ފެން ޞައްޙަވާނެތޯ؟"
ޖަވާބު: "ޞައްޙަވާނެ. ސުވާލުގައި އޮތީ ހިނައިގަތުމަށް ހިތުލައިގެން ފެންވަރަން ވަންކަމަށްވުމުން އެހިސާބުން އެވަނީ ނިޔަތް ގަނެވިފައެވެ. އެއްވެސް މަޤާމެއްގައި ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗެއް ނޫނެވެ. ނިޔަތުގެ މާނައަކީ ކަމަކަށް ޤަޞްދުކުރުމެވެ. ޤަޞްދުކުރުމަކީ ހިތުން ކުރާ ކަމެކެވެ. އެހެންވީމާ ދުލުން ނިޔަތް ނުކީ ނަމަވެސް ހިތަށް އަރުވާފަ އޮތިއްޔާ ޞައްޙަވާނެއެވެ. ތިއަ ޙާލަތުގައި ހިނައިގަތުންވެސް ނަމާދު ޞައްޙަވާނެއެވެ."
- ޝައިޚް ޝާފިޢު