އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒަށް ސުޕްރީމް ކޯޓުން ނުހައްގުން ކޮށްފައިވާ ހުކުމްތައް ބާތިލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ހުކުމްތައް ބާތިލު ކުރަމުންދާއިރު، އީސީ ފުވާދާއި ފަޔާޒަށް ކުރި ޣައިރު ގާނޫނީ ހުކުމް ވެސް ބާތިލު ކުރަން ފެންނަ ކަމަށެވެ.
"އެބޭފުޅުންގެ ރިކޯޑުވެސް ސާފުވާން ޖެހޭ" އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
އިބްރާ މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ބައެއް ސިޔާސީ ފަރާތްތަކުގެ ހުކުމްތައް ބާތިލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެކޯޓުން އަމިއްލައަށް އިސްނަގައިގެން ބެލި ސްމޯޓީ މައްސަލައެއްގައި ފުވާދާއި ފަޔާޒް ވަގުތުން މަގާމުން ވަކިކޮށް، އެދެބޭފުޅުން ހަ މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 9 މާރޗު 2014 ވަނަ ދުވަހުއެވެ. އަދި ހުކުމް ތިން އަހަރަށް ފަސް ކުރުމަށް ވެސް އެއިރު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
އެހުކުމަށްފަހު ފުވާދު ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ޝްރީ ލަންކާގައެވެ. ނަމަވެސް މިމަސް ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެނާ ވިދާޅުވެފައިވެއެވެ.